ކޮވިޑް-19: އިތުރު ސަފާރީއަކުން ދެ މީހަކު ޓެސްޓް ކުރަނީ

ސަފާރީއެއްގައި ތިބި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެ މީހުން އެ ބައްޔަށް ޓެސްޓް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފި އެވެ.


އެ އިދާރާ އިން ބުނީ "މައި ސްކައި" ނަމަކަށް ކިޔާ އެ ސަފާރީގެ ދެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރަމުން އަންނާތީ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެ އުޅަނދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ސަފާރީން ޓެސްޓް ކުރަނީ ޓޫރިސްޓުން ކަމެއް ނުވަތަ އޭގައި މަސައްކަތް ކުރާ ބިދޭސީން ކަމެއް އެޗްޕީއޭ އަކުން ނުބުނެ އެވެ.

މީގެ ކުރިން ވަނީ، ފުވައްމުލަކު ފަޅުތެރޭގައި އޮތް އައިލެންޑް ސަފާރީގައި ތިބި ދެ ޓޫރިސްޓަކު ވެސް ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފަ އެވެ. އެ ދެ މީހުން މިހާރު ވަނީ މާލެ ގެނެސް ފަރުކޮޅުފުށި ކަރަންޓީން ފެސިލިޓީގައި ބައިތިއްބައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު، އެ އެެންމެންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ބިދޭސީންނަކީ ރާއްޖެ އިން އެންމެ ފުރަތަމަ ކޮރޯނާވައިރަސް ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފެކެވެ. ރާއްޖެ އިން އެ ވައިރަސް އެންމެ ފުރަތަމަ ފެނުނީ އެ ދެ މީހުންގެ ގައިންނެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ރާއްޖެ އިން ފެނުނު 13 މީހުންގެ ތެރޭގައި ގިނައީ އިޓަލީގެ ޓޫރިސްޓުންނެވެ. އެއީ ނުވަ މީހުންނެވެ. ދެން ތިބީ އިނގިރޭސި ވިލާތާއި ޖަރުމަނާއި ތުރުކީ އަދި ސައުތު އެފްރިކާ އެވެ.