އިންތިޚާބު ފަސް ކުރުމުގެ ބާރު އީސީއަށް އޮތުން ގޯސް: ޝަރީފް

ހާއްސަ ހާލަތްތަކުގައި އިންތިޚާބުތައް ފަސް ކުރަންޖެހޭއިރު، އިލެކްޝަން ކޮމިޝަން (އީސީ) އަށް އެ ނިންމުން ނިންމުގެ ބާރު ދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމަށް އީސީން ކޯޓަށް ހުށަހެޅުމުން، އެ ކޮމިޝަންގެ މެމްބަރުން މިރޭ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ހާއްސަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތެއް ގާނޫނުން ކަނޑައަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ބާރު އީސީ އަށް އޮތުމަކީ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

"އިންތިޚާބު ފަސް ކުރުމުގެ ދޮރު އާންމުކޮށް އީސީ އަށް އޮވެގެން ނުވާނެ. އެހެން ނޫނީ އިންތިޚާބު ފަސްކުރާއިރަށް އީސީއަށް އިނގިލި ދިއްކުރާނެ،" ތައުލީމީ ދާއިރާގައި ކުރިން މަސައްކަތް ކުރެއްވި އަދި އީސީގެ މެމްބަރަކަށް އައްޔަން ކުރުމުގެ ކުރިން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ވެސް އުޅުއްވި ޝަރީފް ވިދާޅުވި އެވެ.

"އިލެކްޝަންސް ކޮމިޝަނަށް އަބަދުވެސް އިނގިލި ދިއްކުރެވޭ އެއިރަކު އޮންނަ ސަރުކާރަކުން ބުނާގޮތް ހަދާ ކަމަށް."

އިންތިޚާބު ފަސް ކުރަން ކޯޓަށް ހުށަހެޅުމުން ކޮމިޓީގެ ގިނަ މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވައިފަ އެވެ.

ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، މި މައްސަލައިގެ ހައްލު ހޯދައި ދެވޭނީ ސުޕްރީމް ކޯޓުން ކަމަށް މެމްބަރުން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ހައްލު ހޯދައިދޭން މަޖިލީހުން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

"ގާނޫނުއަސާސީ ބުނާގޮތުން ކޯޓު ތަކަކީ ގާނޫނު ބުނާ ގޮތަށް އަމަލުކުރަން ޖެހޭ ތަންތަން. ގާނޫނު ހެދުމުގެ ބާރެއް ކޯޓު ތަކަކަށް ނޯވޭ،" އަހުމަދު ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވެސް ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގައި އޮތް ހައްލަކީ ގާނޫނަށް މާއްދާއެއް އިތުރު ކުރުމެވެ. އެގޮތުން، އޮތް ގޮތަކީ އާއްމު އިންތިޚާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެނައުން ނުވަތަ ހާއްސަ ހާލަތް ނިމުމުން އުވޭނެ "ސަންސެޓް" ގާނޫނެއް ފާސް ކުރުން ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވި އެވެ.

އެހެން ހުރިހާ މެމްބަރުންނާއި އިސްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހަމީދުގެ ހިޔާލު ތަފާތެވެ. އޭނާ ވިދާޅުވީ އެކަމުގައި އީސީން އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.

"ގާނޫނުގައި ބުނޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް. ހައްލެއް ނެތް މައްސަލަ ތަކުގައި ކޯޓަށް ދެވޭނެ،" އަލީ ހަމީދު ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވެސް ވިދާޅުވި ގޮތުގައި މި މައްސަލަ އަށް އޮތް ދާއިމީ ހައްލަކީ މަޖިލީހުން ގާނޫނަށް އިސްލާހު ގެނައުމެވެ.

އެ މެމްބަރުގެ ހިޔާލަށް ރައްދު ދެއްވަމުން، އުޝާމް ވިދާޅުވީ ގާނޫނުއަސާސީ ބުނާގޮތުން ކޯޓުތަކުން ދުސްތޫރީ މައްސަލައެއް ބެލޭނީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މާނަ ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށެވެ. ނުވަތަ ދައުލަތުގެ އިދާރާއެއްގެ ނިންމުން ގާނޫނުއަސާސީއާ ހިލާފުތޯ ބަލަން ޖެހޭ ހާލަތްތަކުގައި ކަމަށް އުޝާމް ވިދާޅުވި އެވެ. އެކަމަކު، އިންތިޚާބު ފަސް ކުރަން ޖެހުމަކީ އެފަދަ ހާލަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އުޅެނީ ގާނޫނީ ކަމެއް ދިމާވެގެން. އެހެންވީމާ މި ގާނޫނީ މައްސަލަ އަށް ހައްލު ހޯދައި ދެވޭނީ ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަށް،" އުޝާމް ވިދާޅުވި އެވެ.

އެންމެ ކުރިން އަންނަ މަހުގެ ހަތަރެއްގައި ބާއްވަން ކަނޑައެޅި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ކަނޑައަޅަން އީސީން ސުޕްރީމް ކޯޓަށް ދިޔައީ ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނިފައިވާތީ، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ސަރުކާރުން އިއުލާންކޮށް، އެ ބަލި ފެތުރުނަނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެންނެވެ.