ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އުވައިލުމުގެ ކަންކަން ޖޭއެސްސީން ފަށައިފި

ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އުވައިލުމާ ގުޅޭ ކަންކަން ފަށަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.


ކޯޓުތަކާ ބެހޭ ގާނޫނު ބުނާގޮތުން، މެޖިސްޓްރޭޓް ކޯޓުތައް ހުންނަނީ ސުޕީރިއާ ކޯޓުތައް ގާއިމް ވެފައިވާ މާލެ ފިޔަވައި އެހެން ރަށްރަށުގަ އެވެ. އެކަމަކު، ސުޕްރީމް ކޯޓުން 2012 ގައި ނިންމާފައި ވަނީ ހުޅުމާލެ އަކީ މާލޭގެ ބަޔަކަށް ވިޔަސް، ހުޅުމާލޭގެ ކޯޓު އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައިވަނީ ހުޅުމާލޭގެ ކޯޓު އުވާލުމުގެ މަސައްކަތް ފަށަން އެ ކޮމިޝަންގެ މިއަދުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެގޮތަށް ނިންމި ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން، ކޮރޯނާވައިރަސްއާ ގުޅިގެން، ސަރުކާރު ބަންދު ކުރިޔަސް، ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތަކާއި މައްސަލަތައް ކުރިއަށް ގެންދަން ފަނޑިޔާރުން މަސައްކަތަށް ނުކުމެވޭނެ ކަމަށާއި އެކަމަކު އާންމު އުސޫލުން ފަނޑިޔާރުން މަސައްކަތަށް ނުކުންނަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހުޅުމާލޭގެ ކޯޓުގެ ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ހުކުމް ކުރީ ހުޅުމާލެ އަކީ މާލޭގެ ބަޔަކަށް ވެފައި އަދި މާލޭގައި ސުޕީރިއާ ކޯޓުތައް ގާއިމްވެފައި ވަނިކޮށް، ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް އުފެއްދުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެ ވަކީލުންތަކެއް އެ މައްސަލަ ހުށަހެޅުމުންނެވެ.

ހުޅުމާލޭގެ ކޯޓު އުވާލަން ނިންމިއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާކުރީ ވެސް ހުޅުމާލޭ ކޯޓުގަ އެވެ. ކުށް ނުކުރާ މީހަކު ގާނޫނާ ޚިލާފަށް ހައްޔަރު ކުރުމުގެ ދައުވާ 2012 ވަނަ އަހަރު ނަޝީދުގެ މައްޗަށް އުފުލައި، ބައެއް އަޑުއެހުންތައް ވެސް އެ ކޯޓުގައި ކުރިއަށް ގެެންދިޔަ އެވެ.

ނަމަވެސް، އެ މައްސަލަ އެ ކޯޓުގައި މަޑުޖެހިފައި އޮއްވައި 2015 ވަނަ އަހަރު ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ ނަޝީދުގެ މައްޗަށް އުފުލައިފަ އެވެ. އެ ދައުވާ ސާބިތުވެ، ނަޝީދު 13 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކޯޓުން ހުކުމް ކުރިޔަސް، މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.