ކޮވިޑް-19: ކެފޭ/ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކެފޭ/ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި އެ ޚިދުމަތް ދިނުން ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ މަނާކުރައްވައިފި އެވެ.


އާންމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މި މަހުގެ 12 ގައި އިއުލާން ކޮށްފައިވާއިރު، މައިމޫނާ ނެރުއްވި އެންގުމުގައި ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން، ކެފޭ/ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި އޭގެ ޚިދުމަތް ދިނުން މަނާ ކަމަށެވެ.

"މަތީގައިވާ ފިޔަވަޅު ތަންފީޒުކޮށް، އެ ފިޔަވަޅަށް ފުރިހަމަ އަށް އަމަލު ކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި މި އެންގުމާ ގުޅިގެން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަމެވެ،" މައިމޫނާ ސޮއިކުރައްވައި ނެރުއްވި އެންގުމުގައި އެވެ.

ޝީޝާ ބުއިން މަނާކުރިކަން އަންގައި މައިނޫނާ މިރޭ ނެރުއްވި އެންގުން.

ރާއްޖޭގައި ކޮވިޑް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އާންމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން އެ ހުރިހާ ފިޔަވަޅެއް އެޅުމުގެ ފުރިހަމަ ބާރު އޮތީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

ޝީޝާ އަކީ ކޮވިޑް-19 ބަލި ފެތުރުމަށް މަގުފަހިވާ އެއްޗެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިން ބުނެފައި ވެ އެވެ.

އެ އިދާރާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޝީޝާ އާއި ގުޑުގުޑާ ފަދަ ތަކެތި، އެ ކަކަށް ވުރެ ގިނަ މީހުން ބޭނުން ކުރުމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ޝީޝާ އަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗަކަށް ވާއިރު އެއިން އެކަކު ގައިން އަނެކެއްގެ ގަޔަށް އިންފެކްޝަން އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ބޯޑުގެ ވައިސް ޗެއާޕާސަން ޑރ. އާމިނަތު އަރޫނާ ވިދާޅުވެފައި ވަނީ މިހާރުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކޮވިޑް-19 ގައި ހާލު ބޮޑުވެ މަރުވުމުގެ ފުރުސަތު އެހެން މީހުންނަށް ވުރެ 14 ގުނަ އިތުރު ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ލަފާ ދެނީ ޝީޝާ ބުއިން ހުއްޓާލުމަށެވެ.

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު މިހާތަށްނަ ވަނީ ފެނިފަ އެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާ އަކީ ރާއްޖޭގައި މި ބަލި އެންމެ އާންމުވާނެ ދުވަސްވަރު ކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ.

މިކަމާ ގުޅިގެން ރައްޚާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަންނަނީ އަޅަމުންނެވެ. އެގޮތުން، ސަރުކާރު ބަންދުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަން ބަންދުކުރުމުގެ އިތުރަށް، ރޯގާ ފަދަ ބަލިތަކަށް ހާއްސަ ކްލިނިކްތައް ހުޅުވުން ފާހަގަކޮށްލެވެ އެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާއިރު ރާއްޖޭގައި މިހާތަނަށް މިބަލި، ލޯކަލީ ޓްރާންސްމިޓް ވެފައެއް ނުވެ އެވެ. ރާއްޖޭގައި މިހާތަނަށް އެ ބަލި ޖެހިފައި ވަނީ ބިދޭސީން/ޓޫރިސްޓުންނަށެވެ.