ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް (ކ) އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސަ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
20 މާޗް 2020 - 23:32
ރާއްޖެއިން ރަޝިޔާ އަށް ދިޔަ ތިން ދިވެއްސެއްގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ. އަނެކަކުގެ ނަތީޖާ އަދި ނުލިބެ އެވެ.
ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މިވަގުތު ރަޝިޔާގައި ކަރަންޓީނުގައި ތިބި ތިން މީހަކު ކޮވިޑަށް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ނެގެޓިވްވެފައިވާއިރު، ދެން ހުރި މީހާގެ ޓެސްޓު ނަތީޖާ ނުލިބޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ތިން މީހުންގެ ކަރަންޓީންގެ މުއްދަތު 10 ދުވަހަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
ރަޝިޔާގައި އިއްޔެއާ ހަމައަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 147 ގައި އުޅޭއިރު އޭގެ ތެރެއިން ފުރަތަމަ މީހާ ވަނީ އިއްޔެ މަރުވެފަ އެވެ. ސިއްހީ އެހެނިހެން ވެސް މައްސަލަތައް ހުރި 79 އަހަރުގެ އަންހެން މީހާ މަރުވި ސަބަބެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ ނިއުމޯނިޔާ ޖެހިގެން ކަމަށެވެ.
އެ ބަލި ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ރަޝިޔާ މިހާރު ވަނީ ލޮންޑައުނެއްގަ އެވެ.
ކޮވިޑް-19 ދެނެގަނެ އެ ބަލި ކޮންޓްރޯލް ކުރަން ރާއްޖޭގައި ވެސް މިހާރު ވަނީ އެކަމަށް ޓެސްޓުކުރުން އިތުރުކޮށްފަ އެވެ. އެގޮތުން ކިރިޔާ ވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ޓެސްޓުކުރެ އެވެ. މަބްރޫކް ވިދާޅުވިގޮތުގައި މިއަދުގެ މެންދުރު 3:30 އާ ހަމައަށް 565 މީހެއްގެ ސާމްޕަލް ނަގާފައި ވެ އެވެ. އޭގެ ތެރެއިން 550 ނެގެޓިވް ވެފައިވެ އެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ބަލި ޖެހުނު ފުރަތަމަ ދެ މީހުން ރަނގަޅުވެއްޖެ ކަމަށް މިރޭ އިއުލާނުކޮށްފައި ވެ އެވެ. ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރަނގަޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދެމަފިރިން ކަމަށެވެ. އޭގެ ތެރޭގައި އެންމެ ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާދިން މީހާ ވެސް ހިމެނޭ ކަމަށް، އެކަން އިއުލާނުކުރަން ބޭއްވި ނިއުސް ކޮންފަރެންސްގައި އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދީ ބުރޯ
21 March 2020
މީ ހަމަ ރިހާކުރުގެ މޮޅުކަން!