ޗައިނާ އިން ރާއްޖެއަށް ދޭ އެހީ ހުރީ ތައްޔާރަށް: ސަފީރު

ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ޗައިނާއިން ދޭ ބައެއް އެހީ ހުރީ ތައްޔާރަށް ކަމަށް، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންގް ލީޖޮންގް މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ދޭ އެހީ ފޯރުކޮށް ނުދެވި މަޑުޖެހިފައި ވަނީ ރަނގަޅު ފްލައިޓްތަކެއް އަދި ނެތުމުން ކަމަށެވެ.

ޗައިނާގައި އެންމެ ފުރަތަމަ ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެ އާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުފަތުރު ވަނީ، ޖެނުއަރީ 30 ގައި ހުއްޓުމަކަށް އައިސްފަ އެވެ. އަދި ރާއްޖެ އަންނަ ބައިނަލްއަގުވާމީ އެތައް އެއާލައިނަކުން ވެސް ވަނީ ދަތުރުތައް ހުއްޓާލައިފަ އެވެ.

ޗައިނާގައި 80،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެ، ކޮވިޑް-19 ގައި 3،200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ސަފީރުގެ ޓްވީޓް އައީ، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރެއްވިތާ ހަފުތާއެއް ވީ އިރު ވެސް، ދޭ އެހީ ލަސްވަނީ ކީއްވެގެންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ދިން ޖަވާބެއްގެ ގޮތުގަ އެވެ. ބައެއް ދިވެހި ސަރުކާރުން ޗައިނާގެ އެހީ ގަބޫލުނުކުރަނީތޯ ވެސް ބައެއް މީހުން އޭނާއާ ސުވާލުކުރި އެވެ.

ލީޖޮންގް ވިދާޅުވީ ޗައިނާގައި ހާލުގައި ޖެހިފައި އޮތް އިރު ރާއްޖެ އިން ވެސް އެހީވި ކަމަށެވެ. އެހެންކަމުން މިހާރު މި އޮތީ ޗައިނާ އިން އޭގެ ބަދަލު ދޭން ޖެހޭ ވަގުތު ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ރާއްޖެއިން ވަނީ ޗައިނާއަށް އެއް މިލިއަން މަސް ދަޅު ހަދިޔާކޮށްފަ އެވެ.

ސަފީރުގެ ޓްވީޓަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ފޮރިން މިނިސްޓަރު ވިދާޅުވީ ފްލައިޓުތައް ކެންސަލްވުމުން ދިމާވާ ދަތިތައް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އަވަސް މުސްތަގުބަލެއްގައި އެ އެހީތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް، ޝާހިދުގެ ޓްވީޓްގައި ވެ އެވެ.

ރާއްޖެއަށް ޗައިނާއިން ވާނެ އެހީއާ ބެހޭ ގޮތުން މިދިއަ ހަފުތާގައި ޝާހިދާއި ލީޖޮންގް ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އެހީގެ ގޮތުގައި ރާއްޖެއިން ބޭނުންވާ ތަކެތީގެ ލިސްޓެއް ތައްޔާރުކޮށްފައިވާ ކަމަށް، ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ސަފީރު ވިދާޅުވި އެވެ.

ކޮރޯނާވައިރަސްގެ ނުރައްކަލުން ރައްކާތެރިވާން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތަކަށް އޭނާ ވަނީ ތައުރީފް ވެސް ކުރައްވައިފަ އެވެ.