ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި

މަތީ ތައުލީމް ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި އެވެ.


ކޮވިޑް-19 އާ ގުޅޭ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި ހާއްސަ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ސްޓޫޑެންޓް އަނބުރާ ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށެވެ.

މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ ދަރިވަރުންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މަތީ ތައުލީމް ހާސިލްކުރަން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުގައި ވެސް މި ދަނޑިވަޅުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް މިހާރު ވަނީ ނިންމާފައި. މިހާރު ވެސް ސްޓޫޑެންޓް އަނބުރާ ދައްކަންޖެހިފައިވާ 4000 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވި. ސަރުކާރުން މިހާރު ނިންމާފައިވަނީ މި ދެންނެވި ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން މިހާރު ވެސް ސްޓޫޑެންޓް ލޯނު ސްކީމް ކަނޑައަޅާފައިވާ ގޮތަށް ކުރިއަށްދިއުން،" ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "މިހާރު" އަށް ވިދާޅުވީ ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށްލަން ނިންމި ނިންމުމަކީ، އެ ލޯނުގެ އެހީގައި ކިޔަވައިގެން ތިބި މީހުންނަށް ކުރިމަތިވާނެ ގޮންޖެހުންތައް ސަރުކާރުން ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށެވެ. މިއީ އެ މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ނިޔަތުގައި އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ސްޓޫޑެންޓް ލޯނުގެ އިތުރުން ސަރުކާރުން ވަނީ ގައުމީ ބޭންކުން ދޫކޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ވެސް ހަ މަހަށް ލަސްކޮށްދީ، އެ އަނބުރާ ދެއްކުމުގެ މުއްދަތަށް ހަ މަސް ދުވަސް އިތުރުކޮށްދޭން ނިންމައިފަ އެވެ.