އާ ވިޔަފާރިތަކަށް ލޯނު ދޫކުރުން އެސްޑީއެފްސީން މަޑުޖައްސާލައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އާ ލޯނުތައް ދޫކުރުން މަޑުޖައްސާލައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އެސްޑީއެފްސީން ކުރިން ވަނީ ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށް، އެ މުއްދަތަށް އިންޓަރެސްޓް ރޭޓް ކުޑަކޮށްދޭން ނިންމައިފަ އެވެ. އަދި ބައެއް ބޭންކްތަކުން ވެސް މިހާރު ދަނީ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދޭން ނިންމައިފަ އެވެ.

އެސްޑީއެފްސީން ކުރި އިއުލާނެއްގައި ވަނީ އަލަށް ފަށާ ވިޔަފާރިތަކާއި ޕްރޮޖެކްޓްތަކަށް ލޯނު ދޫކުރުން މި ވަގުތު މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އެ ކޯޕަރޭޝަނުން މި ވަގުތު އިސްކަން ދެނީ މިހާރު ހިނގަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިިތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އިތުރު ފުރުސަތެއް ދިނުމަށް ކަމަށާއި އިގްތިސާދަށް އަންނަ ބަދަލަށް ބެލުމަށް ފަހު އަލަށް ފަށާ ވިޔަފާރިތަކަށް ލޯނަށް ކުރިމަތިލާން އިއުލާން ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެސްޑީއެފްސީން އާ ލޯނުތައް ދޫކުރުން މަޑުޖައްސާލިއިރު، ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކާއި އާންމު ރައްޔިތުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން އެސްޑީއެފްސީ އާއި ބައެއް ބޭންކްތަކުން ލޯނުތައް ފަސްކޮށް ދިނުމުގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ޓެކްސް ދެއްކުމުގައި ވެސް ލުއިތަކެއް ހަމަޖައްސައި ދީފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެ މަހުގެ ކަރަންޓާއި ފެން ބިލުގެ ވަކި ޕަސެންޓެއް ސަރުކާރުން ދައްކައިދޭން ވެސް ވަނީ ނިންމައިފަ އެވެ.