ކޮވިޑް-19: އިންްޑިއާގެ ލޮކްޑައުންއާ ހެދި ތާށިވި ބޭހާއި ކާނާގެ ބާވަތްތައް ގެންނަން ފަށައައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން 21 ދުވަހުގެ މުއްދަތަށް އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، ނުގެނެވި ހުރި ބޭހާއި ކާބޯތަކެެތީގެ ބާވަތްތައް ގެންނަން ފަށާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީން ބުނީ އިންޑިއާގެ ފަސް ސިޓީއަކުން ރާއްޖެ އަށް ގެންނަން ނިންމާފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރި ނަމަވެސް އެ ތަކެތި ގެންނަން ދަތިތަކާ ކުރިމަތިވި ކަމަށެވެ.

ކޮވިޑް-19 ފެތުރޭތީ، މުޅި އިންޑިއާ ބަންދު ކުރުމުން، އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ވަނީ މަޑުޖެހިފަ އެވެ.

ފޮރިންް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، އިންޑިއާ އިން މިހާރު ގެންނަން ފަށާފައިވާ ބޭހާއި ކާބޯތަކެއްޗަކީ އެސްޓީއޯ އިން އޯޑަރު ކޮށްފައިވާ ތަކެތި ކަމަށެވެ.

މިއުވާން ވިދާޅުވި ގޮތުގައި، އިންޑިއާ އިން ކޮންމެހެން ރާއްޖެ ގެންނަންޖެހޭ މުދާ ނުގެނެވި ހުރުމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި ވަނީ މަޝްވަރާ ކުރައްވައިފަ އެެވެ. ރާއްޖެ އަށް ބޭނުންވާ ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމާ ބެހޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ފޮރިންް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، އިންޑިއާ އިން މިހާރު ގެންނަން ފަށާފައިވާ ބޭހާއި ކާބޯތަކެއްޗަކީ އެސްޓީއޯ އިން އޯޑަރު ކޮށްފައިވާ ތަކެތި ކަމަށެވެ.

އިންޑިއާގެ ލޮކްްޑައުންއާ ހެދި ނުގެނެވި ހުރި ކާބޯތަކެތީގެ ބައެއް ބާވަތްތައް އިއްޔެ ވަނީ ގެނެސްފަ އެވެ. އެ ގައުމުގެ ޓުޓިކޮރިން މަގުން ރާއްޖެ އަށް ގެނައީ 500 މެޓްރިކް ޓަނުގެ ހަކުރާއި 993 މެޓްރިކް ޓަނުގެ ހަނޑުލެވެ. އިތުރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ވަނީ އަައުމުގެ މަގުމަތީގަ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެސްޓީއޯ އިން މި މަހު ކާޑުގެ ބާވަތްތައް ވިކިފައިވާ އަދަދަށް ބަލާއިރު، ކޮންމެ ރަށެއްގައި ވެސް އިތުރު އެއް މަސް ދުވަހަށް ވާވަރަށް ކާޑުގެ ސްޓޮކެއް މިހާރު ހުންނާނެ ކަމަށެވެ.

"އަދި އެސްޓީއޯ އިން މިހާރު މަސައްކަތް ކުރަމުން އަންނަނީ 10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު، އަދި ފަސް މަސް ދުވަހަށް ވާވަރަށް ފުށުގެ ސްޓޮކެއް، އަންނަ އެޕްރީލް މަހުގެ 15ގެ ނިޔަލަށް ރާއްޖެ އަށް ގެނައުމަށް،" ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި ބްރީފިންގައި ރައީސް ވިދާޅުވި އެވެ.