ކޮރޯނާ ވައިރަހަށް ޝައްކުވި މީހެއްގެ ސާމްޕަލް ނެގުމަށް ފަހު މެޑިކަލް ސްޓާފަކު ދައްކާލަނީ. --ފޮޓޯ:އޭއެފްޕީ
29 މާޗް 2020 - 15:35
ކޮރޯނާވައިރަހުގެ މި ބިރުވެރި ހާލަތުގައި ރާއްޖޭން ބޭރުގައި ތިބި ބައެއް ދިވެހިން އުޅެނީ ޝަކުވާތަކުގަ އެވެ: ގެއަށް ގޭސްފުޅި އާއި ބޯފެނާއި ބޭނުންވާ ބޭހެއް ނުލިބި ލަސްވުމުން ވެސް ހިތްހަމަނުޖެހުންތަކެވެ. ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، ކަމާ ބެހޭ އިދާރާތަކަށް ގުޅައި ހިތްހަމަނުޖެހުން ވެސް ބޭރުކުރަނީ އެވެ.
ޒަރޫރީ ބައެއް ކަންކަން ހައްލުނުވެ ދިގުލައިގެންދާތީ ބައެއް މީހުންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. އެ ޝަކުވާތައް، ކަމާ ބެހޭ އިދާރާތަކަށް އަންގަައިދިނުމަށް މީޑިއާތަކުގައި ވެސް އެދެ އެވެ.
އެކަމަކު އެންމެންނެއް ނޫނެވެ؛ މި ވައިރަހުގެ ނުރައްކާ ވިސްނި އެ ގައުމެއްގެ ސަރުކާރެއްގެ އެންގުމަށް ބޯލަނބައިގެން ތިބި ދިވެހިން ވެސް އެހާމެ ގިނަ އެވެ.
ކޮރޯނާވައިރަސް ފެތުރުނަ ނުދޭން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޒަރޫރީ ބޭނުންތަކަށް ބޮޑެތި ހުރަސްތައް އެޅެ އެވެ. އެއީ އެ ގައުމެއްގައި އުޅޭ ދިވެހިން ވެސް އިސްތިސްނާވާނެ ކަމެއް ނޫނެވެ.
ގާތްގަނޑަކަށް 15،000 ދިވެހިން ދިރިއުޅޭ ސްރީ ލަންކާގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފަ އެވެ. އިންޑިއާ އާއި މެލޭޝިއާ ވެސް އޮތީ ލޮކްޑައުންކޮށްފަ އެވެ.
މި ހާލަތުގައި، ބައެއް ދިވެހިންގެ ކަންބޮޑުވުމަކީ އެނބުރި ރާއްޖެ ނާދެވުމެވެ. ކަމާ ބެހޭ އެކި އިދާރާތަކަށް ގުޅައި، ރާއްޖެ ގެންދެވޭނެ ގޮތެއް ހޯދައިދޭން އަންނަނީ އެދެމުންނެވެ.
އެކަމަކު ތަޖުރިބާކާރުން ބުނާ ގޮތުގައި މި ވަގުތަށް އެއީ ކުރުން އެހާ ބުއްދިވެރި ކަމެއް ވެސް ނޫނެވެ. ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، އެ ބަޔަކު ތިބި ތަނެއްގައި މަޑުކޮށްލަދިނުމަށެވެ. ވައިރަސް ފެތުރުން ހުއްޓުވަން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އެއީ ކަމަށް ވެފައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު، ރައްޔިތުންގެ ސަލާމަތަށް ހަރުދަނާ، ވަރުގަދަ ފިޔަވަޅުތަކެއް އެންމެ ކުރިންސުރެ އަޅަން ފެށި ރާއްޖޭގައި ވެސް މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ބޭރުން އަންނަ ކޮންމެ މީހަކު 14 ދުވަހަށް ކަރަންޓީނު ކުރުމެވެ. ރާއްޖޭގައި މިހާރު ވެސް 700 އަށް ވުރެ ގިނަ މީހުން ކަރަންޓީނުކޮށް 19 އަށް ވުރެ ގިނަ މީހުން ވަނީ އައިސޮލޭޓްކޮށްފަ އެވެ.
ކަރަންޓީނުކުރާ ކޮންމެ މީހަކަށް ގާތްގަނޑަކަށް 5،000ރ. ޚަރަދުވެ އެވެ. އެކަމަކު ރައްކާތެރިވުމަށް އެ ފިޔަވަޅު އެޅުމަކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެކި ގައުމުތަކުގައި ތިބި ހުރިހާ ދިވެހިން މާލެ ގެނެސް މިގޮތަށް ކަރަންޓީނު ކުރުމަކީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.
ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފްއިން ބޭއްވި ޑްރިލްގައި ޚާއްސަ ހެދުމުގައި ތައްޔާރީ ހާލަތުގައި ތިބި ބަޔަކު އެމްބިއުލާސް އިން ފައިބަނީ ---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭ ސަރަހައްދުގައި މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ވެސް އާންމު ދިރިއުޅުމަށް އުނދަގޫތައް ކުރިމަތިވެ އެވެ. ޓޭކްއަވޭ ފިޔަވައި ހޮޓާ/ކެފޭ/ރެސްޓޯރެންޓްގެ ޚިދުމަތްތައް ވަނީ ހުއްޓުވައިފަ އެވެ. އެޗްޕީއޭގެ އިރުޝާދަކީ ގޭގައި ތިބުމެވެ.
ސަރުކާރުން ބުނެފައި ވަނީ ބޭރުގައި ތިބި ދިވެހިންގެ ހާލަތު ބަލައި، ފުރަތަމަ މަސައްކަތް ކުރާނީ އެ ގައުމެއްގައި ބައިތިއްބަައިގެން ސަލާމަތްކަން ހޯދައިދިނުމަށް ކަމަށާއި ރާއްޖެ ގެންނާނީ އެފަދަ މަގެއް ނެތް ނަމަ ކަމަށެވެ.
"އެއާޕޯޓަކަށް ބައިބޯވެ ދަތުރެއް ކުރުމަކީ ނުރައްކާތެރި ކަމެއް. އެބަޔަކު ތިބި ގައުމެއްގައި ހާލަތު މާ ގޯސް ނޫން ނަމަ އެތަނެއްގައި މަޑުކުރަން އަޅުގަނޑުމެން އެދެނީ،" ކޮވިޑް-19 އަށް ޚާއްސަ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެފައިވެ އެވެ.
ބޭރު ގައުމުތަކުގައި ތިބި ދިވެހިން އެ ގައުމެއްގައި ހުންނަ ދިވެހި އެމްބަސީތަކުގައި ރަޖިސްޓްރީ ވާން އޮތީ އެދިފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ ގައުމުތަކުގައި ތިބި ދިވެހިންނަށް ކުރިމަތިވާ އުނދަގޫތަކުގައި، އެމްބަސީތަކުން އަންނަނީ ހައްލުތަކެއް ވެސް ހޯދައިދެމުން ކަމަށެވެ. ދަތުރުކުރާ ގިނަ ރޫޓްތަކެއް ބަންދުކޮށްފައި ވުމާ އެކު ދަތުރުފަތުރު ހުއްޓިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބޭރުގައި ތިބި ދިވެހިންގެ ކަންކަން ބަލަން ޚާއްސަ ޓާސްކް ފޯހެއް އުފައްދައި ކޮންމެ ދުވަހަކު ބައްދަލުވުންތައް އެބަ ބާއްވާ. މީގައި، ވަކިވަކި ކޭސްތައް ވެސް ބަލައި ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރޭ،" އޭނާ ވިދާޅުވި އެވެ.
މުޅި ދުނިޔެ މި އޮތީ ބަންދުވެފަ އެވެ. މިއީ އިންސާނީ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ހުއްޓުމެވެ. އެހެންކަމުން އޭގެ އުނދަގޫ ކުރިމަތިނުވާ ގައުމެއް ނެތެވެ. ގައުމުތަކުގެ ވެރިންނާއި ތަޖުރިބާކާރުން ގޮވާލަމުން އެ ގެންދަނީ ކެތްތެރިވުމަށެވެ. އުނދަގޫތަކާއި ޝަކުވާތަކެއް ހުއްޓަސް ކޮރޯނާވައިރަހާ ދެކޮޅަށް މިވަގުތަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ އެ ބަޔަކު ތިބި ތަނެއްގައި މަޑުން ތިބުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
30 March 2020
ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީނުކުރާނެ ޖާގަ އެބައޮތްތަ؟
ހަބީބާ
30 March 2020
އެބަހުރި
ހަމްބެ
30 March 2020
ދިވެހި ރައްޔިތުންވިޔަށް ރާއްޖެއިން ބޭރުގަތިބި މީހުން ގެނައުމަކީ މިވަގުތަށް ކުރުން އެހާ ބުއްދިވެރި ކަމެއް ނޫންކަމުގައި ދެކެން.
ޖަޒު
30 March 2020
އަހަރެންނާއި އަހަރެންގެ ދެކުދިން ކިޔަވަން މިއުޅެނީ މެލޭޝިއާގައި. އަހަރުމެން މިއުޅެނީ މިތަނުން އަންގާ އެންގުންތަކަށް ބޯލަނބައިގެން. އަހަރުމެން ބޭނުމެއްނޫން މާލެދާކަށް އަދި މިކޮޅު އެންބަސީއަށް ގުޅާ އުނދަގޫ ކުރާކަށްވެސް. މާލެގޮސް ކޮރެންޓީން ވުމަށްވުރެ މާފަސޭހަ މިތާ މިގޭގައި އުޅެން. އަހަރުމެންނަށްވެސް ދަތިތަށް އެބަހުރި. ޢެދަތިތަކަށް ކެއްތެރިވެ މި ވައިރަސްއިން މުޅި ދުނިޔެ ސަލާމަތް ކުރައްވާތޯ ﷲއަށް ދުޢާ ކޮއްލަކޮއްލާ މިތިބެނީ
މަންޖެ
29 March 2020
ތިބިތަނެއްގަ މަޑުކުރަން ބުނާއިރު އެ ތަނަކީ ރާއްޖެހާ މިކަމަށް ހޭލުންތެރި ބަޔަކަށް ނުވިޔަސް ރުހިފަ ތިބެންވީ؟..ނުވާނެ... އާއިލާ ކައިރިއަށް ދާން ބޭނުން ވާނީ...
ޟަމީރު
30 March 2020
ދެން ޢަލާމާތެއް ނުފެނި ތިބޭ މީހުންނާ މި ބައްޔަށް ޕޮޒިޓިވްކަން ނޭނގި ތިބި މީހުން ތެރޭން ފުރޭނިގެން އެއަރޕޯޓުތަކުގަ ގަޑި ދެގަޑި އިރު ކޮށްފަ އަވަހަށް އަންނަންވީނު. އޭރަށް ތިމާ ގަޔަށް ނާރާ ހުރި ވައިރަހެއްވެސް އަރާނީ. އެހެންމީހަކަށްވެސް އޭތި ދެވޭނީ..ކަލޭނޭ އަވަހަށް އާދޭ!
ނުހަ
29 March 2020
މިއީ ކީއްކުރަން ލިޔުނު އާޓިކަލްއެކޯ؟ ހިތްހަމަ ނުޖެހުން ބޭރު ކުރަނީ އޭ ބުނީމަ ރައްޔިތުންގެ އިހުސާސް ނޭގޭ ވަރު އެނގިއްޖެ
ތުނިޔަ
29 March 2020
މިގައުމުގަ އުޅެން ކަމުނުގޮސްގެން ދިޔަ ބަޔަކުވެސް ތީގެ ތެރޭގައި ވެއްޖެއެވެ.
މިހާފީ
29 March 2020
ރައްޔިތުން އެބަޖެހޭ ބޯލަބަން. ގޮތްދޫކުރަން. ގޮތް ހިފަހައްޓައި މުޖުތަމައުގެ ފައިދާ އިސްކުރަން. އެޗްޕީއޭއިން ވައިބަރުގައި ފޮނުވާ ލިޔުންތައް ހުރިހާ ގޭބިސީތަކަށް ފޯރާ. ފަހުގެ މައުލޫމާތު. އޭގެ ތެރެއިން ޑިރެކްޓަރުގެ އަމުރެއް ނަމަ، މަތީގައި އަމުރު ޖައްސަވައި. ރައްކާތެރިވުމުގެ އިރުޝާދުނަމަ އެގޮތަށް ޖައްސަވައި ތަފާތު ކޮށްދެއްވުން އެދެން، މިހެން މިދެންނެވީ، ބައެއްގެ މައްޗަށް ދަޢުވާއެއް ކުރެވުމުގެ ކުރިން އެކަން އެގުން މުހިންމުވާތީ.
ރިޒަވަނ
29 March 2020
ގަދަ ދައްކާލާފައި ގައްޑާވާ ން ތިބީ ކީއްވެ. މިހާރު ކަލޭމެންގެ ޝަކުވާ ބޮޑު މި ވަބާޔަށްވުރެ. މައިތިރިވެގެން ތިބެބަލަ.
އޮނަރަބްލް އަފީފު ދީދީ
29 March 2020
ރާއްޖޭގައިދިރިއުޅޭ 3 ލައްކައެއްހާ ދިވެހިރައްޔަތުންގެ ހާލުހުރިގޮތުގެވާހަކަނުދައްކާ ބޭރުޤައުމުތަކުގައިތިބި 15 ވަރަކަށް ހާސް މީހުންގެވާހަކަ ދައްކާންޖެހުނީކީއްވެ؟ # މިދުވަސްކޮޅު މޯލްތަކަށާއި، ޑިޕާޓްމަންޓްސްޓޯރތަކަށް އަދި ގްރޯސަރީތަކަށް ލަޤްޒަރީ ވެހިކަލްތަކުގައި އެމީހުނަށް ނުދެވިދާނެ. # އެކަމަކު އަހަރުމެނާއިޙިލާފަށް ގުއިވަޅުން ފެންބޮއެ ނަޖިސްފެނުންފެންވަރާން އެމީހުނަށްމަޖުބޫރެއްނުވާނެ. އަދި ކާޑުގެބާވަތްތައްހުންނާނީ މާދުރުގައި އޮތް ރަށްގަނޑަކު ނޫން.
ދޮން ދީނި
30 March 2020
އަފީފު ދީދީ ތިއުޅޭނީ ފަޅުރަށެއްގައިތަ؟
ވަޒީފާ
29 March 2020
މިހާލަތުގައި އެމްބަސީގެ ވެހިކަލްތަކަށް ނުކުމެވޭތޯ..ނުކުމެވޭނަމަ ދަތިހާލުގައި ތިބި ފަރާތްތަކަަށް އެހީ ފޯރުކޮށްދޭން ފަސޭހަ ވާނެ..އާއިލާތަކާއި ނުލައި ވަކިވަކި ކުދިންއުޅޭ ހަމައެކަނި ރޫމް ޝެއަރކުރާގޮތައް..މިފަދަ ކުދިން ވަރަށް ދަތިކޮން އުޅެނީ ..