މާލޭގެ 10 ގެއެއް ބަލައި ފާސްކޮށް ހޯދި ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލަން ނިންމި އަމުރު ރިވިއު ކުރުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ޝަރުތުތަކަކާއެކު އަރުޝަދު ދޫކޮށްލަން ކޯޓުން އިއްޔެ ނިންމުމާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ އެ އަމުރު ރިވިއު ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ކިބައިން ފުލުހުން އެދުމުން، ރިވިއު އަޑުއެހުމެއް މިއަދު ބާއްވަން ކްރިމިނަލް ކޯޓުން ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.
އަރުޝަދު ދޫކޮށްލަން އަމުރުކުރެއްވީ ގާޒީ އިބްރާހިމް އަލީ އެވެ.
އެ މައްސަލާގައި އަރުޝަދުގެ މައްޗަށް ދައުވާ ކުރަން ޕީޖީން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަރުޝަދު ދޫކޮށްލަން އިއްޔެ ކޯޓުން ނިންމުމުން އޭނާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރި ކުށުގެ ވެށިން ވެސް 4.6 މިލިޔަން ރުފިޔާ ފެނުނެވެ.
ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދާއި މުހައްމަދު ސިދުރަތު، ފިޔަވައި އެހެން މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަކީ:
1- އަރުޝަދު ޚާލިދު- އަލޯރާގެ، ގދ. ހޯނޑެއްދޫ (24 އަހަރު، ވައްކަން ކުރުމާއި ބިރު ދެއްކުމުގެ ރެކޯޑް)
2- އަލީ ޒުބައިރު- ގުލޭނޫރަންމާގެ ގދ. ހޯނޑެއްދޫ (50 އަހަރު، މަސްތުވަތާކެތި، ވައްކަމުގެ ރެކޯޑް)
3- އަހުމަދު ސުނައިން- އިރުމަތީގެ ގދ. ހޯނޑެއްދޫ (23 އަހަރު، މާރާމާރީގެ ރެކޯޑް)
4- އަހުމަދު ޣިޔާސް- މެޑްރިޓް ހައުސް، ގދ. ހޯނޑެއްދޫ (25 އަހަރު)
5- ހުސައިން ޒަހީން- މަތަރަސްމާގެ، ލ. ކަލައިދޫ (25 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
6- އިސްމާއިލް ވިޝާލް- މ. ދާރުލްގަރާރު، މާލެ (25 އަހަރު، މަސްތުވާތަކެތި، އަމުރަށް ނުކިޔަމަންތެރިވުން)
7- އަސްލަމް ނާޒިމް- މއ. ވައިލެޓްމާގެ، މާލެ (37 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް) 8- އަހުމަދު
8- އިމްސާހް- މިސްކިތްދޮށުގެ، ޅ. ނައިފަރު (32 އަހަރު، މަސްތުވާތަކެތި، ވައްކަމުގެ ރެކޯޑް)
9- މުހައްމަދު ސިދުރަތު- ސުރައްޔާމަންޒިލް، ގއ. ގެމަނަފުށި (27 އަހަރު)