ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ މިދުވަސްވަރު މުޒާހަރާތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް މިހާރު އަންނަނީ އަޅަމުންނެވެ.
ފުލުހުން ބުނީ މިދަނޑިވަޅުގައި ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މީހުން މުޒާހަރާ ކުރަމުންދާ ކަމަށާއި އެކަމަކު ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެންމެންގެ ރައްކާތެރިކަމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ބުނާގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރެމުންދާ ނަމަ، އެފަދަ ކަމަކުން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެ އުޅުމުގެ ހައްގު ހަނި ކުރެވިދާނެ އެވެ.
މިދުވަސްވަރު މުޒާހަރާތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނިއިރު، ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތަކާއި ސްކޫލްތައް ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އެގޮތުން ބައެއް ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި ރިސޯޓްތަކާއި ސަފާރީތަކަށް އަރައި ފޭބުން މަނާ ކުރުމުގެ އިތުރުން ޓޫރިސްޓުން ރަށްރަށަށް އެރުވުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮރޯނާވައިރަހަށް ރާއްޖެ އިން 18 މީހަކު ޕޮޒިޓިވްވި ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. އަދި ފަރުވާ ދެމުންދާ ފަސް މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ހިމެނެ އެވެ.