ކޮރޯނާވައިރަސް ފެތުރުނަ ނުދޭން ރާއްޖޭން ކުރާ މަސައްކަތުގައި މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުން 98 ފަހަރު ގެތައް މޮނިޓާކޮށް، މީހުން ޓެސްޓް ކޮށްފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.
ދަރުބާރުގޭގައި އޮތް މީޑިއާ ބްރީފިންގައި، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ގޭގެ މޮނިޓާކޮށް، މީހުންގެ ސާމްޕަލް ނަގަނީ ދަތުރުކޮށްފައި އަންނަ މީހުން ގޭގެ އަށް ދިއުމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް މާލޭގެ 16 ގެއެއް މިހާތަނަށް މޮނިޓަކޮށް ސާމްޕަލް ނަގާފައިވާ ކަމަށާއި އެފަދަ ހާލަތްތަކުގައި އެ ގެތައްް މޮނިޓާކުރާ ކަމުގެ ލިޔުން ދިނުމަކީ ކުރިއްސުރެ އަމަލުކުރަމުން އަންނަ ގޮތް ކަމަށެވެ.
"މި ގޮތަށް ކަންކުރަނީ ގޭގެ އަށް، ޓްރެވެލް ހިސްޓްރީ އޮންނަ މީހުން އަންނަންޏާ، އެ ގޭގެ ސާމްޕަލް ނަގަން ދާއިރު މި ލިއުން އާއްްމުގޮތެއްގައި ދޭ. ދީފައި އެ ސާމްޕަލްގެ ނަތީޖާ ލިބެންދެން އެގޮތަަށް ބޭއްވުމަށް. މީކީ އާކަމެއް ވީކީ ނޫން. މިއަދު ހަމަ އެކަނި އަލަށް ވާން ފެށި ކަމަކީ އޭގެ ނޯޓެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުން،" މާލޭގެ ގެއަކަށް ވަދެ ނުކުމެ އުޅުން މަނާކުރުމާ ގުޅޭ ގޮތުން، އެޗްޕީއޭ އިން ފުލުހުންނަށް އިއްޔެ ފޮނުވި ލިޔުމެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެެ އިން މިހާތަނަށް ކޮވިޑް-19 އަަށް ޕޮޒިޓިވް ވީ 18 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އިޓަލީ އަށް ފުރައިގެން ގޮސްފަ އެވެ. ރާއްޖޭގައި ތިބި 16 މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވައި އެންމެން ވެސް މިހާރު ވަނީ ބަލިން ސަލާމަތްވެފަ އެވެ.
މަބްރޫކް ރޭ ވިދާޅުވިގޮތުގައި، ކޮވިޑް-19 އަށް ޓެސްޓް ކުރަން ރާއްޖެ އިން މިހާތަނަށް 1،137 ސާމްޕަލް ނަގާފައިވެ އެވެ. މީގެ ތެރެއިން 1،114 ސާމްޕަލެއް ނެގެޓިވްވި އިރު ނަތީޖާ ނުލިބެނީ ފަސް ސާމްޕަލެއްގެ އެވެ.
ދުނިޔޭގެ އެކި ކަންްކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ މިހާރު ވަނީ 85،000 އަށް ވުރެ އިތުރުވެފަ އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަ 42،000 އަށް ވުރެ ގިނަ އެވެ.
ކޮވިޑް-19 ކޮންޓްރޯލްކުރަން ރާއްޖޭން މިއަދު ވަނީ އާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ތިން މީހުންނަށް ވުރެ އިތުރަށް ގްރޫޕް ހަދައިގެން ބޭރުތެރޭ އުޅުން މަނާކުރުމައި ބޭރަށް ނުކުމެ އުޅުން މަނާ ވަގުތެއް ވަނީ ކަނޑައަަޅައިފަ އެވެެ. ބޭރަށް ނުކުމެ އުޅުން މަނާ ގަޑިއަކީ ހަަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ. އެ އުސޫލަށް އަމަލުކުރަން ފަށާނީ މާދަމާ މެންދުރު 12:00 އިން ފެށިގެންނެެވެ.