ކާފިއުގެ ވަގުތުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރަނީ

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މާދަމާ ހަވީރު 5-8 އަށް ކާފިއު ހިންގަން ނިންމާފައިވާއިރު، އެ ވަގުތުގައި ބޭރުގައި އުޅޭ މީހުން ޖޫރިނަމާ ކުރާނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ފެށިގެން ތިން ގަޑިއިރަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ނިންމެވީ، ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިންނެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ކޮރޯނާވައިރަސް ފެތުރޭ މައިގަނޑު އެއް ސަބަބަކީ ގިނަ ބަޔަކު އެއް ވަގުތެއްގައި ތަންތަނަށް އެއްވެ ގައިގޯޅިވުން ކަމަށް ވާތީ އެ ކަން ހުއްޓުވުމެވެ. މިހާރު ވެސް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި އާންމުކޮށް ބޭރަށް ނުކުމެ ނޫޅުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރަމުން އައި ނަމަވެސް އޭގެ ނަތީޖާ މާ ބޮޑަކަށް ނުފެނެ އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަސޭހަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބުންޏެވެ.

އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ރޭ ފަތިހު މައިމޫނާ ނެރުއްވި އެންގުމުގައި ވަނީ ވަކި ގޮތަކަށް ކަނޑައަޅަންދެން ގިނަ މީހުން އެކުގައި އުޅުން މަނާވާނެ ކަމަށެވެ. އަދި ބޭރުގައި އުޅުން މަނާ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމާއި ބަހާއި ފެރީ ވެސް ހިމެނޭ ގޮތުން ޕަބްލިކް ޓްރާންސްޕޯޓް ވެސް ހުއްޓާލަން ޖެހޭނެ ކަމަށް އެންގުމުގައި ވެ އެވެ.

ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ ޑިއުޓީކުރާ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ ވެހިކަލާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި ކުނި އުކާލުމުގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އުޅަނދުތަކާއި އުރީދޫ އާއި ދިރާގާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ޔުނިފޯމް އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މީހުންގެ އުޅަނދުތަކާއި ޖީ ބޯޑު ހަރުކުރި ސަރުކާރުގެ ވެހިކަލްތަކާއި ޑިޕްލޮމެޓިކް އުޅަނދުތަކާއި އެމްބިއުލާންސާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޯސީ)ގެ ފާސް އޮންނަ މީހުންނާއި ފާމަސީތަކުގެ މުވައްޒަފުންނާއި އެޗްޕީއޭގެ ސްޓިކާ ޖަހާފައިވާ އުޅަނދުތައް އިސްތިސްނާވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެ 13 މީހަކު ރަނގަޅުވެފައި ވެ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހަތަރު ދިވެހިން ވެސް ހިމެނެ އެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެ އައި ފަހުން އެ ރޯގާ ޖެހުނު ބައެކެވެ. މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ތުރުކީގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކާއި 11 ޓޫރިސްޓެކެވެ.

މުޅި ދުނިޔެއިން 872،975 މީހުންނަށް ކޮރޯނާވައިރަހުން ޖައްސާ ބަލި ޖެހުނުއިރު އޭގެ ތެރެއިން 43،275 މީހުން ވަނީ މަރުވެފަ އެވެ.