ކޮވިޑް-19: ހަތަރު ވަނަ ހަފުތާއަކަށް ސަރުކާރު ބަންދު

އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް، ޔުނިވަރސިޓީތަކާއި، ކޮލެޖުތަކުގެ ކިޔެވުން ބަންދު ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.


ހަތަރު ވަނަ ހަފުތާއަކަށް ސަރުކާރު ބަންދުކުރީ ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އަންނަ ހަފްތާގައި ސަރުކާރު ބަންދު ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރެެގެން އެ މަސައްކަތެއް ކުރުމަށް ރައީސް ވަނީ އަންގަވައިފަ އެވެ. ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ މުހިންމު ފިޔަވަޅަކީ، އެންމެން ވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، އެކަމަށް މި ދަނޑިވަޅުގައި އެންމެން ވެސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލް އެދިވަޑައިގެންނެވި އެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާ އިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.