ގަވާއިދާ ހިލާފަށް އުޅޭ 40،000 ބިދޭސީން ރަޖިސްޓަރީ ވެއްޖެ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްްޓަރީ ކުރުމަށް ހުޅުވައިލި ފުރުސަތުގައި މިހާތަނަށް 40،000 ބިދޭސީން ރަޖިސްޓަރީ ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.


ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ، ގަވާއިދުގެ ތެރެއަށް ވަނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވައިލި ފުރުސަތުގައި 40،000 މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، އެމްބަސީ މެދުވެރިކޮށް އެ ބިދޭސީންގެ ލިޔެކިޔުން ހޯދައިގެން ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަމަކު ލިޔުންތައް ހޯދުމަށް 4-5 މަސް ހޭދަވާ ކަމަށް ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރީވާން ވެސް ދާދި ފަހުން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ހުޅުވައިލި އެ ފުރުސަތުގައި ފައްޔާޒު ވިދާޅުވީ މިހާތަނަށް 837 މީހުން ގައުމަށް ދާން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 130 މީހެއްގެ ޕާސްޕޯޓު އޮތް ކަމުގައި ވިޔަސް ބަންގްލަދޭޝަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުން އެ މީހުން އަދި ފޮނުވައިލެވޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު މިިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ގައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވާނީ އެ މީހުން ރާއްޖެ އެތެރެވުމަށް ސަރުކާރަށް ދެއްކި ޑިޕޮސިޓް ފައިސާގައި ކަމަށެވެ.

ބިދޭސީން ގެންނައިރު ބަންގްލަދޭޝް މީހެއްގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި މީހެއްގެ ބޮލަކަށް ނަގަނީ 8،000ރ. އެވެ. އެހެން ނަމަވެސް ބިދޭސީން ގެންނަ އަދަދު އިތުރު ނަމަ ދައްކަން ޖެހޭ ޑިޕޮސިޓް ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލައިގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ. ނަމަވެސް ހައްލުތަކެއް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އެންމެ ގިނަ ބިދޭސީން އުޅޭ ބަންގްލަދޭޝް އިން އަލަށް މީހުން އެތެރެވުން ހުއްޓާލުމުން އައި ބަދަލެވެ.

ސެޕްޓެމްބަރު 18، 2019 ގައި ސަރުކާރުން ވަނީ ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ ގެނައުން އެއް އަހަރަށް މަނާކޮށްފަ އެވެ. ފައްޔާޒު އޭރު ވިދާޅުވީ ކޮންމެ ގައުމަކަށް ކަނޑައެޅީ 150،000 ގެ ކޯޓާއެއް ކަމަށާއި މި މިންގަނޑަށް ބެލުމުން ބަންގްލާދޭޝްގެ ކޯޓާ މިހާރު ހަމަވެފައިވާ ކަމަށެވެ.

އެހެންވެ މިިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ރާއްޖެ އެތެރެވި ބަންގްލަދޭޝް ލޭބަރުންގެ އަދަދަކީ 1،362 އެވެ. އެއީ ވެސް ބަންގްލަދޭޝް އިން މީހުން އައުން މަނާކުރުމުގެ ކުރިން ވިސާ އަށް އެދިފައި ތިބި މީހުންނެވެ. މީގެ ކުރިން ކޮންމެ މަހަކު ވެސް ރާއްޖެ އަށް 3،000 އެއްހާ ލޭބަރުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ބިދޭސީންގެ މައްސަލަ ހައްލުނުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވިދާޅުވެފަ އެވެ.