މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ރޯވެއްޖެ

އދ. މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް ފަސް ލޯންޗަކާއި ދެ ޑިންގީއެއްގައި ރޭ ފަތިހު ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.


އެމްއެންޑީއެފް ފަޔާ ސާވިސް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށެވެ.

މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް އުޅަނދުތަކުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ފުލުހަކު މިއަދު ހެނދުނު ހަރަކާތްރެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް

ރޯވީ ފުލުހުންގެ ލޯންޗަކާއި އދ. އަތޮޅުގެ ކައުންސިލްގެ ލޯންޗާއި ސީ އެމްބިއުލާންސަކާއި އެޗްއެމްއެޗްއައި 1 އާއި އެޗްއެމްއެޗްއައި 2 އަދި ދެ ޑިންގީއެއްގަ އެވެ. މިއީ ބަނދަރުގައި ޖެހިޖެހިގެން އަޅާފައި ހުރި އުޅަނދުތަކެކެވެ.

މަހިބަދޫ ބަނދަރުގައި އަޅާފައި އޮތް އުޅަނދުތަކުގައި ރޯވެ އަނދަނީ.---ފޮޓޯ: އެމްއެންޑީއެފް

މި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައި ވަނީ ފަތިހު 5:45 ގަ އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ ހެނދުނު 8:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.