ކުރެއްދޫ މުވައްޒަފުން ބަންދުގައި 50 ދުވަސް، ގިނަ ކަންބޮޑުވުންތަކެއް!

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ރާއްޖެ އިން އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން އެ ރިސޯޓްގައި ބަންދުވެފައި ތިބޭތާ 50 ދުވަސްވި އިރު ވެސް އެ މީހުންނާ ދޭތެރޭގައި ކަމާ ބެހޭ އިދާރާތަކުގެ ވިސްނުން ސާފުނުވާ ކަމަށް ބުނެ މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުންނެވެ.

އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، އެ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އޭނާ އަށް ފަރުވާދިން 49 އަހަރުގެ ބިދޭސީ ޑޮކްޓަރެވެ.

އެ ރިސޯޓުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް ބަލައި ހެދި ކޮންޓްރެކްޓް ޓްރޭސިންގައި އެކަހަރިކުރި މީހުންގެ ތެރެއިން، ހަަތަރު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. މި އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.

ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރަށް ބަލި ޖެހިފައިވާ ކަން އެނގުމާ އެކު މިދިޔަ މަހުގެ 6 ވަނަ ދުވަހުން ފެށިގެން ރިސޯޓް އޮތީ ބަންދުކޮށްފަ އެވެ. އޭގެ ފަހުން މިހާތަނަށް އެ ރިސޯޓަށް އަރައި، ފޭބުން މަނަ އެވެ.

މި ބައްޔާ ގުޅިގެން ރިސޯޓްތައް ވެސް ބަންދުކޮށް، 14 ދުވަހުގެ ކަރަންޓީނު މުއްދަތަކަށް ފަހު މުވައްޒަފުން ފުރުމުގެ ހުއްދަ އެޗްޕީއޭ އިން ދެ އެވެ. ކުރެއްދޫ މުވައްޒަފުންގެ ކަންބޮޑުވުމަކީ އެ ރިސޯޓާ ދޭތެރޭގައި ތަފާތުކޮށް އަމަލުކުރުމެވެ.

އެ ރިސޯޓުގެ މުވައްޒަފަކު، ނަން ނުޖަހަން ޝަރުތުކޮށް، ބުނީ އެތަނުން މިނިވަންވާނެ ދުވަހެއް އަދިވެސް ނޭނގޭ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަންދުވެފައި، ތިބެން ޖެހުމުން ގިނަ މުވައްޒަފުންނަށް ނަފްސާނީ ގޮތުން ވެސް އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ދެން ވާނެ ގޮތެއް ނޭނގިފައި އެންމެން މި ތިބެނީ. ކިހާ ދުވަހެއް މިހެން ތިބޭތާ. ކޮންމެވެސް ގޮތެއް ހަމަޖެހެން ޖެހޭނެ ނޫންތޯ މިހާރު،" އެ މުވައްޒަފު "މިހާރު"އަށް ބުންޏެވެ.

"އަޅުގަނޑުމެން ބޭނުމީ މައިންބަފައިންނާއި އަނބިދަރިންގެ ކައިރިއަށް ދާން. އެކަމަކު ދެވޭނެ ދުވަހެއް ވެސް ނޭނގެ."

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ) އިން ބުނެފައިވާ ގޮތުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ނިންމުމަކީ ކުރެއްދޫގެ ހުރިހާ މުވައްޒަފުން ވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމެވެ. އެ މުވައްޒަފުންގެ ސާމްޕަލް ނަގަން ވަނީ ފަށައިފަ އެވެ. މިހާތަނަށް 246 މުވައްޒަފެއްގެ ސާމްޕަލް ނަގާފައިވާ އިރު، ބާކީ 125 މުވައްޒަފަކު އެބަ ތިއްބެެވެ. އެކަމަކު އެއިން އެއްވެސް ޓެސްޓެއްގެ ނަތީޖާއެއް އަދި ނުލިބެ އެވެ.

ކުރިން ވާހަކަ ދެއްކި މީހާ ބުނީ މާލެއިން ކޮވިޑް-19 އަށް މިމަހު 15 ވަނަ ދުވަހު މީހަކު ޕޮޒިޓިވްވުމާއެކު އެ ރިސޯޓްގައި ސާމްޕަލް ނެގުމުގެ މަސައްކަތުގައި އުޅުނު ރެޕިޑް ރެސްޕޯންސް ޓީމު ވަނީ މާލެ ގެނެސްފައިވާ ކަމަށެވެ. އެހެންވެ މިހާރު ސާމްޕަލް ނެގުންވެސް ވަނީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"[އެންސީއޯސީ ގެ ތަރުޖަމާން] މަބްރޫކް އަޒީޒް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވިދާޅުވަނީ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް. އެކަމަކު ހުރިހާ ޑޮކްޓަރުން މިހާރު ވަނީ މާލެ ގެންގޮސްފައި،" އެ މުވައްޒަފު ބުންޏެވެ.

ކުރެއްދޫން ސާމްޕަލް ނެގިތާ 10 ދުވަސް ވީ އިރު އެއްވެސް ނަތީޖާއެއް މިހާތަނަށް ލިބިފައިނުވުމަކީ ވެސް މުވައްޒަފުންގެ ކަންބޮޑުވުމެކެވެ. އާއްމު ގޮތެއްގައި ކޮވިޑް-19 އަށް ނަގާ ސާމްޕަލްތަކުގެ ނަތީޖާ 24 ގަޑިއިރުގެ ތެރޭގައި ލިބެ އެވެ. މި ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އެހެން ގިނަ ރިސޯޓްތަކެކޭ އެއްގޮތަށް ކުރެއްދޫގެ މުވައްޒަފުންނަށް ވަނީ މާލީ ގޮތުން ވެސް ބުރަ އުފުލަން ޖެހިފަ އެވެ. މި މަހުން ފެށިގެން އެ މުވައްޒަފުންނަށް ވެސް ދޭން ހަމަޖައްސާފައި އޮތީ ހަމައެކަނި އަސާސީ މުސާރަ އެވެ.

ސާވިސް ޗާޖާއި އެހެން އެލަވަންސްތައް ވަނީ އުނިކޮށްފަ އެވެ.

ރިސޯޓުގެ މެނޭޖްމަންޓުން ނިންމާފައި އޮތީ މުވައްޒަފުން ދެ ޓީމަކަށް ބަހައި އެއް ޓީމް ރަށަށް ފޮނުވާ ގޮތަށެވެ. ރަށަށް ފޮނުވާލާ ޓީމްގައި ހިމެނޭ މުވައްޒަފުން މިމަހުން ފެށިގެން ތިބީ ޗުއްޓީ ހިނގާ ގޮތަށް އެ ރިސޯޓްގައި ބަންދުވެފައި ކަމަށާއި އެއީ ވެސް މުވައްޒަފުންނަށް ލިބޭ ދެރައެއް ކަމަށް އޭނާ ބުންޏެވެ.

"ރިސޯޓްގައި ތިބެ ޗުއްޓީ ނަގަން މަޖުބޫރުވެފައި މިތިބީ. މިތާ ތިބޭ ކޮންމެ ދުވަހަކީ ޗުއްޓީން ކެނޑޭ ދުވަހެއް،" މުވައްޒަފު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ މީހުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ތަކުރާރުކޮށް ވަނީ ހުށަހަޅައިފަ އެވެ.

ކުރެއްދު އިން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެތަން މޮނިޓަރިންގައި އޮންނަތާ ގިނަ ދުވަސްވީ ނަމަވެސް މުވައްޒަފުން ދޫކޮށްނުލާ ކަމުގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ކުރިން ވިދާޅުވީ އެހެން ހުރިހާ ރަށްތަކާ އަޅާބަލާއިރު ވެސް ކުރެއްދޫގެ ކޭސް ތަފާތު ކަމަށެވެ. ސަބަބަކީ އެ ތަނަކީ އެންމެ ފުރަތަމަ އިމްޕޯޓްވި ކޭސްއަކުން ފުރަތަމަ ލޯކަލް ޓްރާންސްމިޝަން ހިނގާފައި އޮތް ރަށަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓު ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކަކާ އެކު ފުރުވާލި ކަމަށް ތުހުމަތުކޮށް، މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި، އެ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.