ކުރެއްދޫގެ ހުރިހާ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓްކުރަނީ

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހަކު ރާއްޖެ އިން ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހުރިހާ މުވައްޒަފުން ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންސީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.


ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ ރާއްޖެ އިން އޭނާ ފުރިފަހުންނެވެ. އޭނާ އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، މި ބައްޔަށް އެންމެ ފުރަތަމަ ރާއްޖޭން ޕޮޒިޓިވްވެފައިވަނީ 49 އަހަރުގެ އެ ޑޮކްޓަރެވެ. އަދި އޭގެ ފަހުން އެ ރިސޯޓުން އިތުރު ހަތަރު މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. އެ އެންމެން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.

ކުރެއްދު އިން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އެތަން މޮނިޓަރިންގައި އޮންނަތާ 14 ދުވަސް ވެފައިވީ ނަމަވެސް މުވައްޒަފުން ދޫކޮށްނުލާ ކަމުގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ އެހެން ހުރިހާ ރަށްތަކާ އަޅާބަލާއިރު ވެސް ކުރެއްދޫގެ ކޭސް ތަފާތު ކަމަށެވެ. ސަބަބަކީ އެ ތަނަކީ އެންމެ ފުރަތަމަ އިމްޕޯޓްވި ކޭސްއަކުން ފުރަތަމަ ލޯކަލް ޓްރާންސްމިޝަން ހިނގާފައި އޮތް ރަށަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"މިއަދަށް ދުވަސް ހަމަވީ ކުރެއްދޫގައި، [ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް] ޓެގުގެ މިހާރުގެ ނިންމުމަކީ ކުރެއްދޫގައި މިވަގުތު ތިބި އެންމެން ކޮވިޑަށް ޓެސްޓްކޮށްފައި ދޫކޮށްލުން،" މަބްރޫކް ވިދާޅުވި އެވެ.

ޓެގުގެ އެ ނިންމުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއް ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓު ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކަކާ އެކު ފުރުވާލި ކަމަށް ތުހުމަތުކޮށް، މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި، އެ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރި ކަމަށެވެ. އެ އަލާމާތްތަކާ ގުޅިގެން ޑޮކްޓަރު އެޗްޕީއޭ އަށް ގުޅި ނަމަވެސް ކޮރޯނާވައިރަހާ ގުޅޭ އެއްވެސް ކަމެއްގައި ޝައްކެއް ވެގެން އުޅޭ ކަން އަންގާފައި ނުވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ހޮޓްލައިނަށް ގުޅައިގެން ޑޮކްޓަރު ވާހަކަ ދައްކާފައި އޮތީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށް ރަސްމީ ފަރާތްތަކުން ބަލާ މިންގަނޑާއި ކޮރޯނާވައިރަސް ފެތުރިގެން ރާއްޖޭން ފިޔަވަޅު އަޅާފައިވާ ގައުމުތަކަށް ބަދަލެއް އައިތޯ ބަލާށެވެ.