އަމާޒު ބޯޓުގެ ވެރިޔާ ބުނަނީ ލޮކްޑައުން ކުރިކަން ނޭނގޭ ކަމަށް، ބޯޓު ފުރީ ލޮކްޑައުންކުރި ފަހުން

ކޮރޯނާވައިރަހަށް ކެޕްޓަން ޕޮޒިޓިވްވެފައިވާ ށ. ނަރުދޫ އަމާޒު ބޯޓް މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން ދިޔައީ މާލެ ލޮކްޑައުން ކުރި ފަހުން ކަމަށް ވިޔަސް، ބޯޓު ފުރިއިރު ލޮކްޑައުންކުރިކަން ނޭނގޭ ކަމަށް ބޯޓުގެ ވެރިޔާ މިއަދު ބުނެފި އެވެ.


އަމާޒު ބޯޓްގެ ކެޕްޓަން ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓް ދަތުރުކުރި އުތުރުގެ ތިން އަތޮޅެއްގެ 13 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އަދި އެ ބޯޓުން ދަތުރުކުރި 98 މީހެއް ވަނީ ގޭގައި އައިސޮލޭޓް ކޮށްފަ އެވެ. ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ރަށްތަކަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

އަމާޒު ބޯޓް މާލެއިން ފުރީ މާލޭން އެ ބައްޔަށް މީހަކު ފުރަތަމަ ޕޮޒިޓިވްވުމާ ގުޅިގެން މާލެ ލޮކްޑައުން ކުރި ދުވަހު އެވެ. މާލެ ލޮކްޑައުން ކޮށްފައި ވަނީ އެޕްރީލް 15 ވަނަ ދުވަހުގެ މެންދުރު 2:30 އިން ފެށިގެންނެވެ. އޭގެ ފަހުން މާލެ އަށް އަރައި ފޭބުމަކީ މަނާކަމެކެވެ.

އަމާޒު ބޯޓުގެ ވެރިޔާ މުހައްމަދު ސަލީމް، "މިހާރު" އަށް ބުނިގޮތުގައި އެ މީހުން ފުރައިގެން ދިޔައީ އެ ދުވަހުގެ މެންދުރު 2:50 ގަ އެވެ. ބޯޓު ފުރީ ވެސް ނޯތު ހާބަރުގައި އޮންނާތީ ދައްކަން ޖެހޭ ފީ އެމްޕީއެލްގެ އޮފީހަށް ދެއްކުމަށް ފަހު އެވެ. އަދި ފުރައިގެންދާކަން ވެސް އެމްޕީއެލް އަށް އެންގި ކަމަށް ސަލީމް ބުންޏެވެ.

"ލޮކްޑައުންގެ ވާހަކަތަކެއް އުޅޭތީ އޮފީހުން ވެސް ބައެއް ތަންތަނަށް ގުޅައި ބެލި. ނުބުނޭ ލޮކްޑައުންގެ ވާހަކައެއް. އަދި ނުފުރޭނެ ވާހަކައެއް ވެސް،" އެ ދުވަހު ބޯޓުން ދަތުރު ކުރި ސަލީމް ބުންޏެވެ.

އެ ބޯޓް ދަތުރުކުރި ރަށްތަކުގެ ތެރޭގައި ހއ. ދިއްދު އާއި އުތީމުގެ އިތުރުން ށ. ނަރުދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ށ. ފީވައް، ށ. މާއުގޫނދޫ، ނ. ވެލިދޫ، ހޮޅުދޫ، ނ. މާފަރު، ނ. މިލަދޫ، ނ. ކެނދިކުޅުދޫ އަދި ނ. ހެނބަދޫ ހިމެނެ އެވެ. އެ ހުރިހާ ރަށެއް ވެސް މިހާރު ވަނީ މޮނިޓަރިން ހާލަތުގަ އެވެ.

ބޯޓުން ދަތުރުކުރި މީހުންނާއި ޕޮޒިޓިވްވި ކެޕްޓަނާ ކިހާވަރަކަށް ބައްދަލުވެފައިވާނެތޯ ސުވާލު ކުރުމުން ސަލީމް ބުނީ ކެޕްޓަން ހުންނަ ވީލް ހައުސްގެ ތެރެއަށް މީހުން ވަދެ އުޅުމަކީ އާންމު ކަމެއް ކަމަށެވެ. އަދި ކެޕްޓަން ވެސް ބޭނުން ކުރަނީ އާންމުން ބޭނުން ކުރާ ފާޚާނާ ކަމަށް ވެސް ސަލީމް ބުންޏެވެ. އަދި އޭގެ އިތުރުން ކެޕްޓަން ކައި އުޅުނީ ވެސް އެހެން މީހުންނާއެކުގައި ކަމަށް ބުންޏެވެ.

އުމުރުން 49 އަހަރުގެ ކެޕްޓަން އަށް އެ ބަލި ޖެހުނު ގޮތް ބުނަން ނޭނގޭ ކަމަށް ވެސް ސަލީމް ބުންޏެވެ. ދުވަސްވަރުގެ ގޮތުން ކެޕްޓަން ވެސް މާ ގިނައިން މާލެތެރެއަށް ފައިބައި ނޫޅޭ ކަމަށާއި ނަމަވެސް ބައެއް ތަކެތީގެ އަގު ބަލާލަން ބާޒާރުމަތީ ފިހާރަތަކަށް ދިޔަ ކަމަށް ސަލީމް ބުންޏެވެ.

"ބާޒާރުމަތިންހެން ހީވަނީ. އެކަމަކު އެއްވެސް ގޮތަކަށް ޔަގީނެއް ނޫން ކިހިނެއް ކަމެއް،" އެބޯޓްގައި މަސައްކަތް ކުރާތާ 10 އަހަރު ވެފައިވާ ކެޕްޓަނާ ގުޅޭގޮތުން ސަލީމް ބުންޏެވެ.

ކެޕްޓަން ޕޮޒިޓިވްވިކަން އެނގުނީ މާލެއިން ދިޔަތާ ދެ ދުވަހެއްގެ ތެރޭގައި، ވަރަށް ގަދަޔަށް ހުން އައިސްގެން ނަރުދޫ ސިއްހީ މަރުކަޒަށް ދައްކައި އޭނާގެ އެދުމުގެ މަތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ. ކެޕްޓަން މިހާރު ހުރީ ފަރުކޮޅުފުށީގަ އެވެ.

އަމާޒު ބޯޓުން ދަތުރުކުރި އެންމެންގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. އަދި ނަތީޖާއެއް ނުލިބެ އެވެ.

ބޯޓުގެ ވެރިޔާ ސަލީމް ބުނިގޮތުގައި ހަތް ފަޅުވެރިންގެ ތެރެއިން އެކަކު ކަރުގައި ރިއްސާތީ އުޅޭ ކަމަށެވެ. އެނޫނީ އެބަލީގެ އެއްވެސް އަލާމާތެއް އެހެން މީހެއްގެ ފަރާތުން ނުފެންނަ ކަމަށް އޭނާ ބުންޏެވެ.