ފުރަތަމަ މީހާގެ ޖަނާޒާ: ސިފައިން ކުރި ހިތްދަތި، އުނދަގޫ ތަޖުރިބާއެއް!

ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19ގައި މީހަކު މަރުވެއްޖެ ނަމަ، އަމަލު ކުރަންވީ ގޮތް ކިޔައިދީ އެކަމަށް ސިފައިން ވަނީ ތަމްރީނުކޮށްފަ އެވެ. އެކަމަކު އެ ބަލީގައި ފުރަތަމަ ފަހަރަށް ރޭ މީހަކު މަރުވި އިރު، މިއީ އެހާ ހިތްދަތި ތަޖުރިބާއަކަށް ވާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެ އެވެ. އެކަމަށް ތައްޔާރުވި ސިފައިންގެ މީހުން ވެސް އެކަން ސިފަކުރީ ދުވަހަކު ވެސް އުއްމީދު ނުކުރާ، ބިރުވެރިކަމެއްގެ ގޮތުގަ އެވެ.


ކޮވިޑް-19ގައި ރޭ މަރުވީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް އެވެ. އެއީ އެމްއެޗުއޭގެ ވެރިޔާ ހުސެން އަބްދުﷲގެ އަނބިކަނބަލުންނެވެ. އެކަމަކު، ބަލީގެ ނުރައްކާތެރިކަމާ ހެދި، އައިމިނަތު ވަޅުލީ މޫނު ދެއްކުމެއް، ބޮޑު ޖަނާޒާއެއް ނެތި އެވެ. އޭނާ ހިނެވީ ވެސް އަދި ވަޅުލީ ވެސް އެކަމަށް ހާއްސަކޮށްފައި ތިބި ސިފައިންގެ މީހުންނެވެ. އެ އެންމެން ވެސް ތިބީ ރައްކާތެރިކަމުގެ ހެދުންލައި، އެއްކޮށް ނިވާކޮށްގެންނެވެ.

"މި ކަހަލަ ހާލަތަކަށް އަޅުގަނޑުމެން މި ތިބީ ތައްޔާރުވެގެން. ފިޒިކަލީ އަދި މެންޓަލީ ވެސް. އެކަމަކު އަމަލީ މަސައްކަތަށް ނިކުމެ، މި ފަދަ ގޮތަކަށް މީހަކު ހިނަވައި ވަޅުލުމަކީ ހަގީގަތުގައި ވެސް ވަރަށް ހިތްދަތިވި ކަމެއް،" އެކަމުގައި ބައިވެރިވި ސިފައިންގެ މީހަކު، ނަން ހާމަ ނުކުރުމަށް އެދި ބުންޏެވެ.

އެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަ ދައްކާކަށް އޭނާ އަށް ފަސޭހައެއް ނުވި އެވެ. ދެން ބުނިހާ ވެސް އެއްޗަކީ މިއީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫން ކަމަށާއި އެހެންވެ، އެންމެން ވެސް ރައްކާތެރިވެ ތިބުމަށެވެ.

ސިފައިން ބިރުވެރިކަމުގައި، އެކަމަކު ކުރިއަށް ނެރުނީ ގައުމު

ރާއްޖެ މިހާރު މިއޮތީ މިފަހަކުން ދުވަހަކު ވެސް ތަހައްމަލު ނުކުރާހާ ދަތިހާލުގައި، ބިރުވެރިކަމެއްގަ އެވެ. ހުރިހާ މަސައްކަތްތަކެއް ހުއްޓާލައި، އެންމެން ކަހަލަ ގޮތަކަށް ގޭގައި ބަންދުވެފަ އެވެ. އެކަމަކު ސިފައިންނަށް އެ ފުރުސަތެއް ނެތެވެ. ގައުމީ ހިދުމަތުގައި ގިނަ ސިފައިން މަސައްކަތަށް ނުކުންނަން ޖެހިފައިވާއިރު، މި ބަލިމަޑުކަމުގައި މިހާރު އެންމެ ބޮޑަށް ނުރައްކަލަށް ހުށަހެޅިފައި ތިބީ ވެސް އެ މީހުންނެވެ.

މާލެ އިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ފެނުނު ފަހުން މިއަދަދަށް 15 ދުވަސްވެފައިވާއިރު އޭގެ ތެރޭގައި ނިސްބަތުން ސިފައިން ގިނަ އެވެ. މީގެ ތިން ދުވަސް ކުރިން، ފަސް ސިފައިންގެ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވިއިރު، އިއްޔެ އެކަނި ވެސް 15 ސިފައިން ޕޮޒިޓިވްވި އެވެ. އެ ބިރުވެރިކަމުގައި ތިއްބާ ރޭ އެ މީހުންނަށް ޖެހުނީ، ކޮވިޑް-19 ޖެހިގެން ރާއްޖޭން އެންމެ ފުރަތަމަ މަރުވި މީހާ ވަޅުލާށެވެ.

ކޮވިޑް-19އިގައި މަރުވި ފުރަތަމަ މީހާ ހިނަވައި ވަޅުލުމުގައި ބައިވެރިވި އެމްއެންޑީއެފްގެ މީހުން: މިއީ ހިތްދަތި، އުނދަގޫ ތަޖުރިބާއެއް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިކަން ފާހަގަކުރެއްވީ ކަރުނައާ އެކުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކިތަންމެ ބިރުވެރި އަދި ހިތާމަވެރި ވަގުތެއް ނަމަވެސް، ސިފައިން އެކަމާ ކުރިމަތިލީ، އެއް ޔުނީފޯމެއްގައި ތިބެގެން ހިތްވަރާއެކުގަ އެވެ. އެއީ ގައުމު އެމީހުންނަށް މަތިކުރި ވާޖިބެވެ.

"އެހެންވެ، ހިތާމައިގެ ކަރުނަ އަޅާ ހާލު އަޅުގަނޑު ދިވެހި ސިފައިންނަށް ސެލިއުޓް ކުރަން،" މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވެސް ވަނީ މި ހިތްދަތި ވަގުތު، ސިފައިން ދައްކަމުން އަންނަ ސާބިތުކަމަށް ތައުރީފް ކުރައްވައިފަ އެވެ. އަދި ރޭ މަރުވި މީހާ ވަޅުލުމުގައި ބައިވެރިވި އެމްއެންޑީއެފްގެ ޖަމާއަތްތެރިންނަށް ވެސް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

އޭނާ ވިދާޅުވީ ކުރީ ސަފުގައި މަސައްކަތްކުރާ ސިފައިންގެ ތެރޭގައި ބަލި ފެތުރި، ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް، ސިފައިންގެ ހިތްވަރަށް ބަދަލު ނާންނަ ކަމަށެވެ. އަދި ބިރުވެރިކަމުގައި ފަހަތަށް ނުޖެހި، ބަލިމަޑުކަމާ ކުރިމަތިލާނެ ކަމުގެ ޔަގީންކަން ޝަމާލް ދިވެހިންނަށް ދެއްވި އެވެ.

ސިފައިންގެ ތެރެއިން ބަލި ފެނުނީ މީގެ ތިން ދުވަސް ކުރިންނެވެ. ފުރަތަމަ ފަސް މީހުން ޕޮޒިޓިވްވުމާއެކު އެ މީހުންނާ ގުޅުން ހުރި ގިނަ ބަޔަކު ވަނީ އައިސޮލޭޓްކޮށްފަ އެވެ. އެކަމަކު އަދަދެއް އަދި ނޭނގެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކާނަލް ހުސައިން އަލީ ވިދާޅުވީ މިއީ ކުރިމަތިވާނެ ހާލަތެއްކަން އެނގޭ ކަމަށާއި ސިފައިންގެ ލީޑަޝިޕް އޮތީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ. އަދި ކަރަންޓީނު ކުރާ ސިފައިން ވެސް އެނބުރި އަންނާނީ ހިދުމަތަށް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ކޮވިޑް-19 ފެތުރޭތީ ކުރާ މަސައްކަތްތަކުގެ ތެރެއިން ސިފައިން ކުރަމުން އަންނަ މުހިއްމު އެއް މަސައްކަތަކީ ކަރަންޓީން ފެސިލިޓީތައް މެނޭޖްކުރުމާއި އާ ފެސިލިޓީތައް ގާއިމް ކުރުމެވެ. އެގޮތުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ގާއިމްކުރުމުގައި ވެސް ސިފައިން ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. އޭގެ އިތުރުން، މުދާ ޑެލިވަރީ ކުރުމާއި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގައި ވެސް ސިފައިން އަމަލީ ގޮތުން ބައިވެރިވި އެވެ. މީގެ ތެރެއިން ގިނަ ސިފައިން ގެއަށް ނުވަންނަތާ މަހެއްހާ ދުވަސް ވެއްޖެ އެވެ.

"މިއީ އަހަރުމެން ދުވަހަކު ވެސް ހިތަށް ނުގެނެވޭނެ ފަދަ ވަގުތެއް. ސިފައިން ކުރާ މަސައްކަތް ބަލައިގަންނަން." މީހަކު ޓްވިޓާގައި ލިޔުނެވެ.

"ޝުކުރިއްޔާ"