ކުރެއްދު އަށް އަރައިފޭބުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި

ކޮވިޑް-19 އަށް ރާއްޖެ އިން އެންމެ ފުރަތަމަ ޕޮޒިޓިވް މީހަކު ފެނުނު ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވާތާ 55 ދުވަސް ފަހުން އެ ރިސޯޓް ހުޅުވައިލުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ދީފި އެވެ.


ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުރެއްދޫ މިދިޔަ މާޗް 6 ން ފެށިގެން އޮތީ ބަންދުކޮށްފަ އެވެ. ގިނަ ދުވަސް ތަކެއް ވީއިރު ރިސޯޓްގެ މުވައްޒަފުން ރަށުން ނުފޭބި ތިބޭތީ ކަންބޮޑުވުން ފާޅުކޮށް އެ ރިސޯޓްގެ ވަކީލުން ވަނީ އިއްޔެ އެޗްޕީއޭ އަށް ޝަކުވާ ވެސް ހުށަހެޅި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކުރެއްދޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ ރިސޯޓު ބަންދުކުރި ކަންކަން ފުރިހަމަ ވެފައިވާތީ މިއަދުން ފެށިގެން ރިސޯޓަށް މީހުން އަރައިފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ޓޫރިސްޓަކު ވައިރަހަށް ޕޮޒިޓިވްވި ކަން އެނގުނީ އޭނާ ރާއްޖެ އިން އިޓަލީއަށް ދިޔަ ފަހުންނެވެ.

އެ ޓޫރިސްޓު ފުރައިގެން ދިޔަ ފަހުން، ކުރެއްދޫ ރިސޯޓުން ފުރަތަމަ ޕޮޒިޓިވްވީ އޭނާ އަށް ފަރުވާދިން 49 އަހަރުގެ ބިދޭސީ ޑޮކްޓަރެވެ. އެ ރިސޯޓުގައި ބަލި ފެތުރިފައި އޮވެދާނެ ކަމަށް ބަލައި ހެދި ކޮންޓްރެކްޓް ޓްރޭސިންގައި އެކަހަރި ކުރި މީހުންގެ ތެރެއިން، ހަަތަރު މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވި އެވެ. މި އެންމެން ވެސް މިހާރު ވަނީ ރަނގަޅު ވެފަ އެވެ. އޭގެ ފަހުން އެޗްޕީއޭއިން ނިންމީ އެ ރިސޯޓްގެ ހުރިހާ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށެވެ. އެގޮތުން 600 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އެ ރިސޯޓްގެ ގިނަ ސްޓާފުންތަކެއްގެ ސާމްޕަލް ނަގައި ވަނީ ޓެސްޓްކޮށްފަ އެވެ. ފަހުން ނެގި ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާވެސް ނެގެޓިވް އެވެ. ނަމަވެސް އަދިވެސް އެ ރިސޯޓްގެ ހުރިހާ މުވައްޒަފުން ޓެސްޓްކޮށް ނުނިމެ އެވެ.

އިޓަލީ ޓޫރިސްޓެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުއްޓައި ކަމާބެހޭ އިދާރާތަކަށް ނާންގައި، ގައުމަށް ފުރުވާލި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު އަންނަނި ކުރަމުންނެވެ. އެ މައްސަލައިގައި އެ ރިސޯޓުގެ ބިދޭސީ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން ވަނީ މަނާކޮށްފަ އެވެ.