ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވާން ޔުނިސެފާއި ރެޑް ކްރެސެންޓް މެދުވެރިކޮށް، ޖަޕާނު ސަރުކާރުން އަށް މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ޖަޕާނުން ދިން އެހީ ބޭނުން ކުރަން ހަމަޖައްސާފައި ވަނީ މެޑިކަލް އިކުއިޕްމަންޓް ގަތުމަށާއި އޮންލައިންކޮށް ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް ހޯދުމަށެވެ.
އެކި ގައުމުތަކުގައި ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ މި ދަނޑިވަޅުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީވުމުން ފޮރިން މިނިސްޓްރީން ވަނީ އެކަން ފާހަގަކޮށް، އެ ގައުމަށް ޝުކުރު އަދާކޮށްފަ އެވެ. ރާއްޖެ އަށް ދިމާވާ ބޮޑެތި ކަންކަމުގައި، ޖަޕާނުން އަބަދުވެސް އެހީވެ އެވެ.
އޭގެތެރޭގައި ރާއްޖޭގެ ތައުލީމާއި ތަރައްގީގެ މަޝްރޫއުތައް ހިމެނެ އެވެ.
މުޅި ދުނިޔެއަށް ފެތުރިފައިވާ މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، އެކި ގައުމުތަކުންނާއި ޖަމިއްޔާތަކުން އަންނަނީ ރާއްޖެއަށް އެހީ ފޯރުކޮށްދެމުންނެވެ. ތައިލެންޑާއި ސިންގަޕޫރުގެ ކުންފުނިތަކަކުން ވަނީ މެޑިކަލް ސާމާނުތަކެއް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުންނާއި ބަންގްލަދޭޝް ސަރުކާރުގެ އިތުރުން ޗައިނާ އިން ވެސް ވަނީ މެޑިކަލް ސާމާނު ރާއްޖެ އަށް ފޮނުވައިފަ އެވެ.