ފެންފުށީ ޕޮލިސް ސްޓޭޝަނަށް ގެއްލުންދީ، އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފި

އދ. ފެންފުށީ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީ، ފުލުހުންނަށް ބިރު ދެއްކި މައްސަލައެއްގައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން މިރޭ ބުނީ ހަތް މީހުންގެ ގްރޫޕަކުން އިއްޔެ ފުލުހުންނަށް ބިރު ދައްކައި، މުދަލަށް ގެއްލުން ދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެކަކު ހައްޔަރުކޮށް، ބާކީ ތިބި ހަ މީހުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ، އެ ރަށުގަައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމަތިން ހުއްޓުވުން އިތުރުވުމާއި ރަށަށް ދާ ފޮށިގަނޑުތައް މާގިނައިން ޗެކްކުރާ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން އެ މީހުން ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވުމަށް ފަހު ކަމަށެވެ. އަދި އެ ހާދިސާގައި ޕޮލިސް ސްޓޭޝަންގެ ދޮރު ހަލާކު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުުނިގޮތުގައި އެ ހަތް މީހުންގެ ތެރެއިން ދެ މީހަކު ފަސް ދުވަހަށް، ބާކީ ފަސް މީހުން 10 ދުވަހަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންނަށް ބިރު ދެއްކި މައްސަލައެއްގައި ދާދި ފަހުން އެހެން ވެސް ރަށަކުން ބަޔަކު ހައްޔަރު ކޮށްފައިވެ އެވެ.