އިންޓަނެޓް އަސާސީ ޚިދުމަތަކަށް ހަދައި، ވާދަވެރިކަން ގެންނަން އެބަޖެހޭ: މަލީހް

އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ހަދަންޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި އެ ޚިދުމަތުގެ އަގު ކަނޑައެޅުމުގައި ސަރުކާރުގެ ދައުރެއް އޮންނަންޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަލީހް ވިދާޅުވީ އިންޓަނެޓްގެ އަގާއި ޚިދުމަތް ރަނގަޅުވާން ޖެހޭ ދިރިއުޅުމަށް އަންނަމުންދާ ބަދަލުތަކާ އެކު އިންޓަނެޓް މުހިންމު ދައުރެއް އަދާ ކުރާއިރު، އޭގެ އަގާއި ޚިދުމަތް މިހާރަށް ވުރެ ރަނގަޅުވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އިންޓަނެޓަކީ އަސާސީ ޚިދުމަތަކަށް ބަދަލުވާންވީ ވަގުތު އަތުވެއްޖެ ކަމަށާއި އެ ބަދަލު ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި ޕަބްލިކް ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ކުންފުނިތަކަށް މި އޮތް ޚިދުމަތުގެ ނިޒާމުގެ ކޮންމެވެސް ވަރަކަށް ބަދަލުވެ، ސްޓެލްކޯ އާއި ފެން ކުންފުނި ފަދަ ކުންފުނިތަކުން ދެވޭ ފަދަ ސަރުކާރުގެ ކޮންމެވެސް ވަރަކަށް ހިއްސާއެއް އޮވެ، އެކަށީގެންވާ ހިއްސާއެއް އޮވެ ފުޅާ ކުރެވޭނެ މަގު ފަހި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިންމު ކަމެއް." މަލީހް ވިދާޅުވީ އެވެ.

މަލީހް ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް އިންޓަނެޓާއި މުވާސަލާތީ ޚިދުމަތްތައް ރެގިއުލޭޓް ކުރުމުގެ ބާރު ގާނޫނީ ގޮތުން އޮތަސް، އެ ބާރުގެ ބޭނުން ކޮށްގެން އެ ޚިދުމަތުގެ އަގު ސަރުކާރުން ކަނޑައެޅިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ އަބަދުވެސް ވިސްނުމަކީ ފްރީ މާކެޓެއްގެ ތެރެއިން ޚިދުމަތުގެ އަގަށް ބަދަލު ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެން ގަބޫލުކުރާ ގޮތުގައި ފްރީ މާކެޓް އިކޮނޮމީއެއް މިއީ. އަގުތައް ކަނޑައެޅެން ޖެހޭނީ ޑިމާންޑް އެންޑް ސަޕްލައިއާ ގުޅޭގޮތުން ކަން. އެހެން ނަމަވެސް އަސާސީ ޚިދުމަތްތަކުގެ އަގު ރައްޔިތުންނަށް އޮބެހެއްޓޭ މިންވަރެއްގައި ހުރުމަކީ މުހިންމު ކަމެއް." މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި އިންޓަނެޓްގެ ޚިދުމަތް ރަނގަޅު ކުރުމުގައި ވާދަވެރި އިތުރު ކުންފުނިތައް ގެނައުމަކީ ވެސް މުހިންމު ކަމެކެވެ. އެކަމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި އެކަމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައީ ކޮވިޑް-19 އާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސިޔާސަތުތައް ކަނޑައެޅިހާ އަވަހަކަށް އެ މަސައްކަތް ފަށައިގަންނާނެ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

"ކެބިނެޓުން ނިންމާ ދުވަހު. އިރާދަކުރެއްވިއްޔާ ފުރަތަމަ ހަފުތާގައި އިއުލާން ކުރެވޭނެ އެ ކަންކަން ކުރިއަށް ގެންދިއުމަށް." އޭނާ ވިދާޅުވި އެވެ.

މަލީހް ވިދާޅުވި ގޮތުގައި އިންޓަނެޓްގެ ޚިދުމަތާއި އަގު ރަނގަޅު ކުރަންޖެހޭ ކަމަށް ގަބޫލު ކުރަން ޖެހުނަސް، ކުންފުނިތައް ބަނގުރޫޓްވެގެން ދާ ފަދަ ފިޔަވަޅުތަކެއް އެޅުމާ ހަމައަށް ގެންގޮސްގެން ނުވާނެ އެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ކުންފުނިތަކުގެ ވިޔަފާރިތައް ދެމެހެއްޓޭނެ ގޮތަކަށް އެ ކުންފުނިތަކުން ވިސްނާނެ ކަމަށް ގަބޫލު ކުރަންޖެހޭ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

"މެލޭޝިއާގައި އޭގެ ޒާތުގައި ހިލޭއެއް ނޫން އިންޓަނެޓް މިކަމާ ގުޅިގެން ދެވެނީ. މެލޭޝިއާ ސަރުކާރުން އެއް ބިލިއަން ރިންގިޓްގެ ސަބްސިޑީ ޕެކޭޖެއް މިދެންނެވީ މޭޖާ ޓެލެކޮމް ކުންފުނިތަކަށް ފޯރުކޮށްދީގެން. އެހެން ނަމަވެސް ރާއްޖޭގައި ޓެލެކޮމް ކުންފުނިތަކުން އަޅުގަނޑުމެން މި ހޯދި ލުއިތަކަކީ ދައުލަތުގެ ބަޖެޓުން ލޯ ލާރިއެއް ވެސް ކުންފުނިތަކަށް ދިނުމަކާ ނުލައި ހޯދި ލުއިތަކެއް." މަލީހް ވިދާޅުވި އެވެ.

މަލީހް ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތްތައް ހުރިހާ ސަރަހައްދަކަށް ރަނގަޅު ކުރުމަށާއި ޚިދުމަތް ދޭ ފެންވަރު ބެލުމަށްޓަކައި ކޭމްއަށް އެކަށީގެންވާ ބަޖެޓް ލިބެންޖެހޭ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގައި އެންމެ މުހިންމު ބައިވެރިއަކަށް ވާނީ އިންޓަނެޓް ކަމަށާއި އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.