އިންޑިއާ އިން ރާއްޖެ އަށް 580 ޓަނުގެ ކާބޯތަކެތި ދެނީ

އިންޑިިއާ އިން ރާއްޖެ އަށް ހަދިޔާ ކުރަން ނިންމާފައިވާ 580 ޓަނުގެ ކާބޯތަކެތި ވަރަށް އަވަހަށް ގެންނާނެ ކަމަށް ރާއްްޖޭގައި ހުންނަ އެ ގައުުމުގެ ހައި ކޮމިޝަނުން މިއަދު ބުނެފި އެވެ.


ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އިންޑިއާ އިން މި ފަހަރު ގެންނަ އެހީގެ ޝިޕްމަންޓަކީ މިދިޔަ މަހުގެ 20 ގައި ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފޯނުން ގުޅުއްވައިގެން ކުރެއްވި މަޝްވަރާތަކަށް ފަހު ދެއްވަން ނިންމެވި އެހީގެ ބައެއް ކަމަށެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރު "އައިއެންއެސް ކޭސަރީ" ގައި އެ ޝިޕްމަންޓް ރާއްޖެ އަށް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުންޏެވެ.

އިންޑިއާ އިން ގެންނަ ޝިޕްމަންޓްގައި ހިމެނެނީ:

- 200 ޓަނުގެ ހަނޑޫ.

-140 ޓަނުގެ ގޮދަންފުށް.

90 ޓަނުގެ ހަކުރު.

120 ޓަނުގެ ރީނދޫ މުގު.

26 ޓަނުގެ ފިޔާ.

14 ޓަނުގެ އަލުވި.

މި އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިންގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާ އިން ފޯރުކޮށްދޭ އެހީ އެކެވެ. އެގޮތުން "އައިއެންއެސް ކޭސަރީ" ފުރަތަމަ ދަތުރުގައި ރާއްޖެ އަށް މުދާ ބޭލުމަށް ފަހު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ދާނެ އެވެ.

ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވެފައިވާ ގޮތުން، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ހުރިހާ ކަމަކުން އަރައިގަތުމަށް އެންމެ ފުރިހަމަ ސްޓްރެޓެޖީއަކީ ސަރަހައްދީ ގައުމުތަކުން އަތުގުޅާލައިގެން މަސައްކަތް ކުރުމެވެ.

"..ކާބޯތަކެތީގެ މި އެހީ އަކީ އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ބަރަކާތްތެރި ރަމަޟާން މަހުގައި ދެވޭ، ދެ ގައުމުގެ އެކުވެރިކަން ރަމްޒު ކޮށްދޭ ހަދިޔާ އެވެ. އަދި ދެ ގައުމުގެ މެދުގައި ވާ ގާތް ގުޅުމުގެ އިތުރު ހެއްކެކެވެ،" އިންޑިއާގެ ހައި ކޮމިޝަންގެ ބަޔާނުގައި ވެ އެވެ.

އިންޑިއާ އިން ވަނީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ކޮވިޑް-19 އަށް ތައްޔާރު ވުމަށް ސިއްހީ މާހިރުންގެ ޓީމަކާއި ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނެސްދިނުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް އިންޑިއާ އިން ބޭނުން ކުރާ އުކުޅުތަކާއި އިލްމު ހިއްސާ ކުރުމަކީ ވެސް އެ ގައުމުން ރާއްޖެ އަށް ވެދޭ އެހީގެ ތެރޭގައި ހިމެނޭ ކަމެކެވެ.