ގާނޫނު އަސާސީ އިސްލާހު ނުކޮށް، އާންމު ގާނޫނަކުން ކައުންސިލް މެމްބަރުންގެ ދައުރު އިތުރެއް ނުކުރެވޭނެ: ފިލްޒާ

ގާނޫނު އަސާސީ އިސްލާހު ނުކޮށް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނަކުން ފާސްނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސްކުރަން ޖެހުމުން އާ ކައުންސިލް މެމްބަރުން ހުވާކުރެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ޚާއްސަ ގާނޫނެއްގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު ގާނޫނު އަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

އެ ބިލް ދިރާސާ ކުރަމުންދާ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ކައުންސެލާ ޖެނެރަލްގެ ލަފައަކަށް އެދުމުން ފިލްޒާ ދެއްވި ލަފާގައި ވަނީ ގާނޫނު އަސާސީގައި ކައުންސިލް މެމްބަރުންގެ ދައުރު ކަނޑައަޅާފައި ވަނިކޮށް، ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީ ތަސައްވުރު ކޮށްފައިވާ ކަމެއް ނޫން ކަމަށް ވެސް އެ ލަފާގައިވެ އެވެ.

ފިލްޒާގެ ލަފާގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ސަބަބުން މަޖިލީހުގެ އިންތިޚާބު ވަކި މުއްދަތަކަށް ފަސްކުރަން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރެވޭނީ އާންމު ގާނޫނެއް ފާސްކުރަން ބޭނުންވާ މިންވަރަށް ވުރެ ގިނަ މެމްބަރުންގެ ވޯޓު ލިބިގެން ފާސްކުރާ ގަރާރަކުން ކަން ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ.

ފިލްޒާ އެގޮތަށް ލަފާ ދެއްވިއިރު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ކުރިން ލަފާ ދެއްވާފައިވަނީ ގާނޫނު އަސާސީ އިސްލާހު ނުކޮށް، ކައުންސިލް މެމްބަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށެވެ. އަދި މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައި އޮތުމަކީ ގާނޫނު އަސާސީ އިސްލާހު ކުރަން ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް ބޭނުންވާ އެ އިސްލާހު އެޓާނީ ޖެނެރަލްގެ ފަރާތުން މަޖިލިހަށް ހުށައަޅާފައިވެ އެވެ. އެކަމަކު އެ ބިލްގެ މަސައްކަތްނުކޮށް، ރިޔާސަތުން ފުރުސަތު ދިނީ ހަސަން ލަތީފުގެ ބިލަށެވެ.