ގުރައިދޫގައި ބިދޭސީއަކު މަރާލައިފި

ތ. ގުރައިދޫގައި ބަންގްލަދޭޝްގެ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ މިރޭ މަރައިލައިފި އެވެ.


އެނގިފައިވާ ގޮތުގައި އޭނާ މަރައިލީ ގުރައިދޫގެ ސަރަހައްދެއް ކަމަށްވާ ކަންޑަރުގަ އެވެ. އަމިއްލަ މީހަކަށް ކައުންސިލުން ކުއްޔަށް ދޫކޮށްފައި އޮންނަ އެ ސަރަހައްދަކީ ދަނޑުވެރިކަމާއި ރިހާކުރު ކެއްކުން ފަދަ މަސައްކަތުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ތަނެއް ކަމަށް ވެ އެވެ.

އެ ތަނުގައި ދަނޑުވެރިކަން ކުރަން އުޅޭ އެ މީހާ މަރައިލާފައި އޮއްވައި ފެނުނީ ދިރިއުޅޭ ތަނުގެ ކައިރީގަ އެވެ.

ގުރައިދޫގެ ސިއްހީ މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އެކަން ހިނގި ގޮތް ތަހުގީގު ކުރަން ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.