ގުރައިދޫގައި އަނެއްކާ ވެސް ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި

ތ. ގުރައިދޫގައި މިރޭ ބިދޭސީއަކަށް ވަޅިން ހަމަލާދީ މަރާލާފައި ވަނިކޮށް އެ ރަށުގައި އެހެން ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.


އެ ރަށު ސިއްހީ މަރުކަޒުން ވާހަކަދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ ބިދޭސީ ފިރިހެނެއްގެ ބޮލަށް ވަޅި ހަރައިގެން 3:00 ހާއިރު ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ބެހޭ މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.

އެ ރަށުގައި މިރޭ ބިދޭސީއަކު މަރާލާފައި އޮއްވައި ފެނުނީ ސިނާއީ ސަރަހައްދެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަންޑަރުގަ އެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފަ އެވެ.

ސަލީމް ނަމަކަށް ކިޔާ އެ މީހާ އަކީ ގުރައިދޫގެ ބަނދަރުގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. ނަމަވެސް މި ދެ ހާދިސާއާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ.

މަރުގެ ހާދިސާ އާއި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލި ހާދިސާއާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ، މިއިން އެއްވެސް ހާދިސާއަކާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.