ހައި ކޯޓް: ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި 22 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ބުނޭ -- ފޮޓޯ/މިހާރު
21 މެއި 2020 - 16:56
މާލެ ސަރަހައްދުު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި އޮންލައިންކޮށް 22 މައްސަލައެއް ހަައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅިގެން މިދިޔަ މަހުގެ 15 ން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ލޮކްޑައުންކޮށް، އޮފީސްތައް ބަންދު ކޮށްފައިވާތީ އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެެ ގޮތް ކޯޓުތަކުން އޮތީ ހަމަޖައްސައިފަ އެވެ. ޝަރީއަތްތައް މެދުކަނޑައިލިޔަސް، ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.
ހައި ކޯޓުން ބުނީ ލޮކްޑައުންގެ މި ދުވަސްވަރު، އޮންލައިިންކޮށް ހުށަހެޅި 22 މައްސަލައިގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ. އެ މުއްދަތުގައި، ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުން ބާއްވައިގެން މޮނިކޮން އަމުރު ހަތް މީހެއްގެ މައްޗަށް ނެރެފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
މީގެ އިތުރުން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސްއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ހަައި ކޯޓުން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޝަރީއަތްތައް މަޑުޖެހިފައި ވިޔަސް، ބަންދާ މެދު ގޮތެއް ނިންމުމާއި ކޮންމެހެން ނެރެންޖެހޭ އަމުރުތައް ނެރުމުގެ މަސައްކަތް ކޯޓުތަކުން އަންނަނީ ކުރަމުންނެވެ. ދާދި ފަހުން ސުޕްރީމް ކޯޓުން ވަނީ އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި، އެ ކަމާ ބެހޭ އުސޫލެއް ވެސް އެކުލަވައިލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy