މަބްރޫކްގެ އިލްތިމާސް: އޮފީސްތަކުން ޝިފްޓްތަކަށް މަސައްކަތް ބަހާލާ

ކޮވިޑް-19ގެ ސަބަބުން އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތަށް ލުއިތަކެއް ދިނުމުމުން، އޮފީސްތަކުގެ މަސައްކަތު ގަޑިތައް ޝިފްޓްތަކަށް ބަހާލައިގެން ކުރުމަށް ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މަބްރޫކް އަޒީޒް އިލްތިމާސްކުރައްވައިފި އެވެ.


ކޮވިޑް-19އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ލޮކްޑައުން އަށް ލުއިތަކެއް ދިނުމުން އޮފީސްތައް ހުޅުވާއިރު ސަމާލުކަން ދޭން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން އޮފީހަށް ދިއުމުގެ ހުއްދަ ލިބުނު ކަމުގައިވީ ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ހުރިހާ ކުންފުނިތަކާ އޮފީސްތަކުން ވެސް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ވީމިންވަރަކުން ހަމަޖައްސައިދިނުން ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް ކޮންމެހެން ވަޒީފާ އަށް އޮފީހަށް ނުކުންނަން ޖެހޭނެ ނަމަ ގައިދުރުކޮށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރެއްވި އެވެ. އެގޮތުން ގިނަ މުވައްޒަފުންތަކެއް އެއް ގަޑިއެއްގައި އޮފީހަށް ނެރުމުގެ ބަދަލުގައި މަސައްކަތު ގަޑިތައް ޝިފްޓްތަކަށް ބަހާލައި އެކި ގަޑީގައި މުވައްޒަފުން ނެރެ ދުރުގައި ތިބެ މަސައްކަތް ކުރުމަށް މަބްރޫކް އިރުޝާދު ދެއްވި އެވެ.

އޭނާ ވިދާޅުވީ އޮފީހުގައި އުޅޭ އުޅުމުގައި ވެސް ސަމާލުކަން ދޭން ޖެހޭނެ ކަންކަން ހުންނާނެ ކަމަށެވެ. އެގޮތުން އޮފީހުގައި ހުންނަ އެންމެން ބޭނުންކުރާ ފާހަނާ އަށް ވަދެފައި ނުކުތުމުގެ ކުރިން ސާފުކޮށްލުމާ ވަދެ ބޭނުންކުރުމުގެ ކުރިން ވެސް ސާފުކުރުމަށް އިލްތިމާސްކުރެއްވި އެވެ. އަދި އޮފީހުގެ ކާގެ ފަދަ ތަންތަން ވެސް ވީހާވެސް ސާފުތާހިރިކޮށް ބެލެހެއްޓުމަށް އިލްތިމާސްކުރެއްވި އެވެ.

އޮފީހަށް ދާއިރު އަދި އެހެނިހެން ބޭނުންތަކަށް ބޭރަށް ނުކުންނަ އިރުވެސް މާސްކް އެޅުމަށާއި އަބަދުވެސް ސެނިޓައިޒާ ފުޅިއެއް އަތުގައި ބާއްވާ އޭގެ ބޭނުންކުރުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

މާލެ އިން ކޮވީޑް-19 ފެނި ލޮކްޑައުންކޮށްފައި އޮންނަތާ އެއް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ލޮކްޑައުން އުވާލަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް ބަލި އެއްކޮށް ދިޔައީ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ލޮކްޑައުން އަށް ފަހު ބަލި ފެނުން އިތުރުވެދާނެކަމަށް ވެސް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.