ކޮވިޑް-19: އަލާމާތްތައް ނުފެންނަ މީހުން ރަނގަޅުވިތޯ ބަލަން ދެން ޓެސްޓްކުރާނީ 21 ދުވަސް ވުމުން

ކޮވިޑް-19 އަށް ޕޮޒިޓިވާ މީހުންގެ ތެރެއިން ހައި ރިސްކް، އެކަމަކު ބަލީގެ އަލާމާތްތައް ނުހުންނަ މީހުން ރަނގަޅުވިތޯ ބަލަން ދެން ޓެސްޓް ކުރާނީ ޕޮޒިޓިވްކަން އެނގޭތާ 21 ދުވަސް ފަހުން ކަމަށް އެޗްޕީއޭ އިން ހަމަޖައްސައިފި އެވެ.


ބައްޔަށް ޕޮޒިޓިވް އެކަމަކު ބަލީގެ އަލާމާތް ނުހުންނަ މީހުން ރަނގަޅުވިތޯ ބަލަން މީގެ ކުރިން ޓެސްޓުކުރަމުން އައި ޕޮޒިޓިވާ ދުވަހުން ފެށިގެން 14 ދުވަސް ހަމަވުމުންނެވެ.

މީގެ ކުރިން، އަމަލު ކުރަމުން އައި އުސޫލުގައިވާ ގޮތުން، ސިމްޕްޓޮމެޓިކް ނުވަތަ ބަލީގެ އަލާމާތްތައް ހުންނަ މީހުން ރަނގަޅުވިތޯ ބެލުމަށް ސާމްޕަލް ޓެސްޓު ކުރަނީ އަލާމާތްތައް ރަނގަޅުވުމުންނެވެ. އެސިމްޕްޓޮމެޓިކް ނުވަތަ ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ނުހުންނަ މީހެއް ނަމަ، އެ ބަލި ހުރިކަން އެނގޭތާ 14 ދުވަސް ފަހުން ޓެސްޓުކޮށް ދެން ވެސް ޕޮޒިޓިވް ނަމަ އަނެއްކާ ހަތް ދުވަސް ފަހުން، 21 ވަނަ ދުވަހު ތިން ވަނަ ޓެސްޓެއް ކުރަނީ އެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން މައުލޫމާތު ދެއްވާ ތަރުޖަމާން މަބްރޫކް އަޒީޒް "މިހާރު" އަށް މިރޭ ވިދާޅުވީ އެ އުސޫލު މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ޕޮޒިޓިވްވެފައިވާ ހައި ރިސްކް އަދި އަލާމާތްތައް ނުފެންނަ ކޭސްތައް، މިހާރު ޓެސްޓުކުރަނީ ޕޮޒިޓިވްވާތާ 21 ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ އެޗްޕީއޭގެ ޓެކްނިކަލް ޓީމުން މަޝްވަރާކޮށް ނިންމި ގޮތެއް ކަމަށެވެ.

ކުރިން އަމަލުކުރަމުން އައި ގޮތުން މީހަކު ރަނގަޅުވިކަން ކަށަވަރު ކުރުމަށް ގިނަ ޓެސްޓްތަކެއް ކުރަންޖެހެ އެވެ. ޓެސްޓްކުރަން ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިކަން ކުރިމަތިވި ގައުމުތަކުގައި ވެސް ޓެސްޓްތައް އިސްރާފުވިޔަ ނުދިނުމަށް، ނަތީޖާ އަށް ބަލައި ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 1،313 މީހަކު ޕޮޒިޓިވްވެފައި ވާއިރު، 128 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.