ޚިޔާނާތާއި މަރުތައް ބަލާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި: ނަޝީދު

ކުރީގެ ސަރުކާރުގައި ހިންގާފައި ހުރި ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީ އިންސާފެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި ގޮތް ނޭނގޭ މަރުތައް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންތަކުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އީދުގެ ތަހުނިޔާ ދެންނެވުމަށް ހޯމް މިނިސްޓަރު އިމްރާނާ އެމަނިކުފާނު ގުޅުއްވި ކަމަށާއި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދަން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އިމްރާން ދެއްވި ކަމަށެވެ. އަދި އެކަމަށްޓަކައި އިމްރާނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ނަޝީދު ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ޓްވީޓް

ނަޝީދު އެގޮތަށް ވިދާޅުވިއިރު، ދާދިފަހުން އެމަނިކުފާނު ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެ، އަދި އެމަނިކުފާނަށް ވެސް ކެތް ކުރެވޭނީ ވަކި މިންވަރަކަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ އިމްރާން މަގާމުން ދުރުކުރަން ގޮވާލައިފަ އެވެ.