ހެލްތު މިނިސްޓަރު އަމީން، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިތުރުކުރުމުގެ ލިޔުމުގައި މިދިޔަ މަހުގެ 10 ގައި ސޮއިކުރައްވާއިރު، ފަހަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު.
28 މެއި 2020 - 00:33
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މުޅި ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަނެއްކާ ވެސް އަންނަ ޖޫން މަހުގެ 29 ގެ ނިޔަލަށް މިރޭ އިތުރު ކުރައްވައިފި އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރީ މިދިޔަ މާޗް 12 ން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ދެ ބުރެއްގެ މަތިން ވަނީ އެ މުއްދަތު އިތުރުކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރައްވަނީ 30 ދުވަހަށެވެ. އެންމެ ފަހުން އިއުލާން ކުރެއްވި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު ހަމަވަނީ އަންނަ ހޮނިހިރު ދުވަސް (މި މަހުގެ 30) އަށެވެ.
މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރެއްވީ ކޮވިޑް-19 ގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ. އެހެންވެ، އެ ނުރައްކާ ކުޑަކޮށް، އާންމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން އެ މުއްދަތު ދަންމާލީ ކަމަށް އަމީން ވިދާޅުވި އެވެ.
"އަދި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ގާނޫނު ނަމްބަރު 7/2012 (އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ،" މިނިސްޓަރު އަމީންގެ ގަރާރުގައި ވިދާޅުވި އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރަމުން އަންނައިރު، މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ މީހަކު މިދިޔަ މަހުގެ 15 ގައި ފެނުމުން އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެންމެ ފަހުން ފުލް ލޮކްޑައުން އަށް ދިން މުއްދަތު މާދަމާ ހަމަވާތީ، މިހާރުގެ ހާލަތަށް ބަލައި މާދަމާ އިން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ލުއިތަކެއް ދޭން ސަރުކާރުން މިރޭ ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން999
29 May 2020
ކޮންކަހަލަ ލުޔެއް ތިދިނީ. ތިޔައީ މީހުން އިތުރަށް ބަލި ބޮޑުވާނެ ގޮތެއްކަމަށް ބައެއް ޑރ އިން ދަނީ ބުނަމުން. ހިޔޮނުވާނެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން މީހުން ބަލިން ސަލާމަތް ވާނެ ރަނަގަޅު ގޮތެއް ހޯދާދީބަލަ. ލޮކްޑައުން ކުރުމަކީ ހައްލެއްނޫން. ތިޔައީ މީހުން ފަގީރުކޯށް ވިޔާފާރިތައް ހަލާކުކޮށް އަޅުވެތި ކުރުމަށް ބަޔަކު ރާވައިގެން ކުރާކަމެއް ކަމަށް ބައެއް އިލްމު ވެރިން ދަނީ ބުނަމުން.
ގަޓް ބްރޯ
28 May 2020
މިހުންނަނީ ރާއްޖޭގެ ގާނޫނު ތަކުގެ ފީކަޅާކަން. ރައްޔިތުންގެ އަޣްލަބިއްޔަތުން ރައްޔިތުން އިންތިޚާބްކުރާ ރައީސުލް ޖުމްހޫރިއްޔާ އިއުލާނުކުރައްވާ ކުއްލި ނުރައްކަލުުގެ ހާލަތު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ފާސްކުރަންވާނެ ކަމަށާ މުއްދަތު އިތުރުކުރާނަމަވެސް ރައްޔިތުންގެ މަޖިލިސް އަށް ހުށަހަޅައިގެން ފާސްކުރަންޖެހޭނެ ކަމަށް ގާނޫނު އަސާސީގަ އޮވޭ. އެކަމަކު އާންމު ގާނޫނެއްގެ ދަށުން މިނިސްޓްރަކު އިއުލާނުކުރާ ކުއްލި ނުރައްކަލަކަށް އެކަމެއް ނޯވޭ.
ސްޓާފުން
28 May 2020
ކިޔާ އެކައްޗެއް ކިޔާބަލަ ، ނަޒުލާ އެހެން ވާހަކަ އެއް އަމީން އެހެން ވާހަކައެއް ، މަބްރޫކު ދައްކަނީ އެހެން ވާހަކަ އެއް ވާނުވާ އެއް ނޭގޭ
އިދުރީސް މޫސާ
28 May 2020
މިސަރުކާރުގެ ކިބައިގައި އެއްވެސް ލީޑާޝިޕެއް ނެއްކަން މިއެނގެނީ، ދުނިޔޭގެ އެތަކެއް މިލިއަން މީހުން ދިރިއުޅޭ ޤައުމުތަކުގައި ޤައުމު ހުުޅުވާލިފަހުން މަރުވި އަދަދު މިހާރު ކުޑަ، އަދި ޓެސްޓް ހެދޭ ނިސްބައް އެތަކެއް މިލިއަނަކަށް އިތުރުކުރި، ރާއްޖޭގެ އާބާދީ 7 ދުވަހުން ޓެސްޓްކޮށް ނިންމަންވީނޫންތަ؟ އެއިރުން ދޫވެފައިތިބި އެންމެން ހޯދައިގަނެވޭނެ، ދުވާލަކު 200 ޓެސްޓް ކުރާހާ ހިނދަކު މިޤައުމު ލޮކްޑައުންއިން ނުނެގޭނެކަން ކަށަވަރު
ދޮގު
28 May 2020
ސާބަހޭ. ރޯ ބުހުތާން ދޮގުހަދާފައި ބަހައްޓާ. ކުރީގައި 300 ޓެސްޓު ހެދިނަމަވެސް މިހާރު ދުވާލަަކަށް 1100 ޓެސްޓު އެބަ ހަދާ. މިއީ މުޅި އޭޝިޔާ ނިސްބަތުންވެސް އެންމެ ރަނގަޅު އެއް ރޭޓް.
ޜުން
28 May 2020
މި އަފީފް ދީދީ އަކީ ކާކުތަ ދެން މާ ދީދީ ވެފަ އޮނަރަބަލް ވެސް ޖަހާގެން ތެޅެނީ... އަނެއްކާ ބޮޑު ހިތަދޫ އަފީފް ދީދީ ގެ ރޫހު ބާ... ކޮން އަފީފެއް އޮންނާނީ...
މިވަރެއްނެތް
28 May 2020
ޖޫން 29 ގެ ފަހުންވެސް މިހާލަތު އިތުރުކުރާނެކަން ޔަގީން. ސަބަބުތައް ގިނަ 1. ގައުމު ހިންގަން އެޗްޕީއޭ އަށާއި ހެލްތް މިނިސްޓްރީއަށް ލިބިފައިވާ ބާރުދޫކުރަން ބޭނުންނުވާނެ 2. ރައްޔިތުން ކަސްތޮޅުއަޅުވާހިތް ފުލުހުން ވަރަށްބޮޑަށް ބޭނުންވާނެ 3.ފުލުހުންނާއި ސިއްހީދާއިރާގެ މީހުންނަށް ލިބޭ ކޮވިޑުގެ އެލަވަންސް ގެއްލިދާނެ 4.އިބޫ-އަންނި ގެ ކޯޅުމުގައި މިހާލަތު ދެމެހެއްޓުމުން އިބޫއަށް ކުރާ ފައިދާ ބޮޑުވާނެ. 5،ކޮވިޑާގުޅިގެން ނަގާ ކަޓުހުއްޓިދާނެ.
ދަރަނި ދަންތުރަ
28 May 2020
ނަސީދަކާ ނަސީދެއް މަޖިލީހަކާ މަޖިލީހެއް ދޫކޮށްލާ ، އެކަމަކު ރައްޔިތުން ރައްކަލަށްޓަކާ ހެލްުތު މިނިސްޓްރީން ތިނިންމީ ވަރަށްރަނގަޅު ނިންމުމެއް ތިގޮތުގައި ހިފަހަށްޓާލާ ﷲ އަޅަމެން މިނުރައްކަލުން މިންޖުކުރަށްވާށި އާމީން
ސިނާން
28 May 2020
ބަރާބަރު ނިންމުމެއް. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ކަނޑައަޅާފައި އޮތީ ކޮވިޑް ބައްޔަކީ ގްލޯބަލް ޕެންޑެމިކްއެއް ގޮތުގައި. އެހެންވީމަ ދުނިޔެ މިގޮތަށް އޮތް އިރު ރާއްޖެ ވަކި އިސްތިސްނާއެއް ނުވާނެ. ނަޝީދަށް ހީވެދާނެ ތިމަންނާ މީހުންނަނީ މި ހުރިހާ މުައައްސަސާއެއްގެ މަތީގައޭ.
އިސްރޯ
28 May 2020
މިމުއްދަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިއްޖެނަމަ ﷲ ގެ އިރާދަފުޅުން ހާލަތުވަރަށް ރަނގަޅުވާނެ.
ދޭސީ
28 May 2020
ވަރަށް ރަނގަޅު ނިންމުމެއް. ނަޝީދަކަށް ކަނދުރާއަކަށް ބޮލަކަށް ބަލާނެ ކަމެއް ނެތް. މިވަގުތު މުހިންމީ ދިވެހި ރައްޔިތުންގެ ފުރާނަ.