ކައުންސިލްތަކުގެ މައްސަލަ ހައްލު ކުރަން ޖެހޭނީ ތިން ބާރުގެ ތެރެއިން: އާދަމް ޝަރީފް

މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފައިވާ މައްސަލަ ހައްލު ކުރަން ޖެހޭނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


ގާނޫނުއަސާސީ އިސްލާހު ކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ބޭއްވި ޖަލްސާގެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ މި މައްސަލައަށް އަސްލު ފަރުވާއެއް ހޯދަން ޖެހޭނީ ޝަރުއީ ދާއިރާގެ ތެރެއިން ކަމަށެވެ. ނަމަވެސް ހަކައެކަނި ޝަރުއީ ދާއިރާގެ ތެރެއިން އެކަން ކުރުމުގެ ބަދަލުގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެކަމަށް ހައްލު ގެނައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ނަމަ އެކަން އެއް ފަރާތަކަށް ބުރަ ވުމުގެ ބަދަލުގައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ މުޅި ދައުލަތް ހިމެނޭގޮތަށް މިއަށް ބަދަލެއް ގެނެސް އިސްލާހު ކުރަން،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ބަހުސްގައި އާދަމް ޝަރީފް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއަށް ވީގޮތް ބަލަން ޖެހޭ ކަމަށާއި އެ ފައިސާގައި ޖެހުނު ކަމުގެ ތުހުމަތު މިހާރުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުންނަށް ވެސް ކުރެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެމްއެމްޕީއާރުސީގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅު ކުރެއްވި ކަމަށާއި ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަން ކުރުމަށް ވެސް އެފައިސާ ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެ މައްސަލަތައް ބަލައި އެއާމެދު ގޮތެއް ނުނިންމާ ކަމަށްވެއްޖެއްޔާ މި ފެހި ގާނޫނުއަސާސީން ރައްޔިތުން ބޭނުންވާ އުފާވެރިކަމެއް ރައްޔިތުންނަކަށް ލިބިގެނެއް ނުދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅޭ ތުހުމަތުތަކެއް ރައީސަށް ކުރެއްވިއިރު، އެމަނިކުފާނުގެ ތަރުޖަމާން މީގެ ކުރިން ވަނީ އެ ތުހުމަތު ދޮގު ކުރައްވައިފަ އެވެ. އަދި ހިޔާނާތާ ރައީސާ ގުޅުވައި ޕީޕީއެމުން ތުހުމަތުތަކެއް ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަން ތަހުގީގު ކުރި އެވެ.

ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އާރިފް ކުރެއްވި ތުހުމަތުތައް ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައި ވަނީ ދެ ބޭފުޅުން ވެސް ތަހުގީގުގައި ވިދާޅުވީ އެއީ، "ސިޔާސީ ގޮތުން ދެއްކެވި ވާހަކަތަކެއް" ކަމަށެވެ.

އާދަމް ޝަރީފް ޖަލްސާގައި ވިދާޅުވީ މިހާރު ފެންނަނީ ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތަކެއް ކުރުމަށް މަގުފަހި ކުރަމުންދާތަން ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ކޮވިޑް-19ގެ މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު އެކަންކަން ނުބެލެންވީ ކީއްވެތޯ ވެސް އާދަމް ޝަރީފް ސުވާލު އުފެއްދެވި އެވެ. އިހުމާލުތަކުގެ ސަބަބުން އެތައް ބައެއް މަރުވެގެން އެބަ ދާ ކަމަށާއި އެކަންކަމައި މެދު ފިޔަވަޅުތަކެއް ނޭޅޭ ނަމަ ގާނޫނު އަސާސީ އިސްލާހު ކުރުމަކުން ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ނިކަމެތި މީހާއަށް ނިކަމެތި ގޮތް. ބޮޑު މީހާއަށް ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ވެސް ދިނުމަށް ފަހުގައި އަދި ނުވިތާކަށް ސެކިއުރިޓީ ވެސް ދީގެން ގެންގުޅޭތަން. އެކަމަކު ކިހިނެއްތޯ ހަމަހަމަކަމާއެކު ވެރިކަމެއް ކުރަން ބޭނުން ނަމަ އެގޮތަށް އެކަން ކުރެވިގެން ދާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމާ މެދު ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އަދި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަނީ ޖޫން މަހު ދައުރު ހަމަވާ ކައުންސިލަރުންގެ މައްސަލަ ހައްލު ކުރެވެން އޮތީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކަމަށެވެ. ދެން ތިއްބެވި މެމްބަރުން ބުރަވަނީ، ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި ސަންސެޓް ގާނޫނަކުން އެ މައްސަލަ ހައްލު ކުރުމަށެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލާގައި ބަހުސް ކުރުމަށް ފުރުސަތަކަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް މާދަމާ ފުރުސަތު އަރުވައި ނިންމައިލެވޭނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމެޓީއަށް ބިލް ގެންދިއުމަށް ފަހު ބުރާސްފަތި ދުވަހު އެކަމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.