ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިރޭ ފާސްކޮށްފި އެވެ. އެކަމަކު، އެ ނިންމުން ފައިނަލް ވާނީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.


މި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ، އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުުރު ދެމިގެންދާ ގޮތަށް ހަމަޖެއްސޭނީ ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމާ ގުޅިގެން ބޭއްވި ޖަލްސާ އަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ފޮނުވާފައިވާ ބިލަށެވެ. އެ ބިލަށް އަލުން އިސްލާހު ހުށަހަޅަން ޖެހުނީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަލާއިރު ވެސް މަގްސަދު ހާސިލް ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ވާތީ އެވެ.

އާޒިމް ހުށަހެޅުއްވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ދެ އަަކުރެއް އިތުރު ކުރުމަށެވެ. އެއީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންް އިންތިހާބުކުރާ މެމްބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެެއް ދޭ ދެ މާއްދާ އެވެ. އެގޮތުން، އިތުރު ކުރަން ހުށަހެޅި ފުރަތަމަ މާއްދާގައި ބުނެފަައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެ ކަމަށެވެ. ދެވަނަ މާއްދާގައި ބުނަނީ އެގޮތަށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

އާޒިމްގެ އިސްލާހުގެ ދެވަނަ މާއްދާގައި ބުނާ ގާނޫނު މިހާރު ވަނީ ފާސްކޮށް ތަސްދީގު ކޮށްފަ އެވެ. އެއީ ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ސަންސެޓް ގާނޫނެވެ.

އާޒިމްގެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި އެ ވަގުތު ތިއްބެވި 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާނޫނުއަސާސީ އަށް ފުރަތަމަ ހުށަަހެޅި އިސްލާހު އުނިކުރުމަށް ވެސް ކޮމިޓީއަށް އޭނާ ހުށަހަޅެއްވި އެވެ.

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ހުށަހެޅުއްވި އިސްލާހުގައިގެ އަސްލު ކަމުގައިވާ ކައުންސިލަރުންގެ ދައުރުގެ މުއްދަތު ބަޔާންކުރާ މާއްދާ ބަދަލު ނުކުރަން އާޒިމް މިރޭ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ވެސްް ފާސްކޮށް، ގާނޫނުއަސާސީ އަށް ގެންނަ ބަދަލު މިހާރު ވަނީ ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށްް ބަދަލުކޮށްފަ އެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ގާނޫނުއަސާސީ އަށް އެ އިސްލާހު ހުށަހެޅުއްވީ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުނީ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ މާއްްދާ އެކަނި ބަދަލުކޮށްފި ނަމަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއާ އަރައިރުން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ އެވެ.

ކައުންސިލަރުންގެ އުމުރު ދަަންމައިލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރު ކަނޑަައަޅާފައިވާ މާއްދާ އެކަނި ބަދަލުކުރުމަށެވެ. އެކަމަކު، ނަޝީދު ވިދާޅުވީ އެ މާއްދާ އެކަނި ބަދަލުކޮށްގެން ކައުންސިލަރުންގެ ދައުރު ދަންމައި ނުލެވޭނެ ކަމަށާއި ކައުންސިލުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންގެ އިންތިހާބުކުރާ މެމްބަރުން ކަމަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަަމަށެވެ.

ސުޕްރީމް ކޯޓުން ދިން ލަފާގައި ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ. މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.