ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ލައިވްކޮށް ދައްކާލައިފި

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެތައް ކަމެއް ބަދަލުވެއްޖެ އެވެ. ކުރީގެ އާދަތައް ދޫކޮށްލަން ޖެހުނުއިރު، ކުރިން ނުފެންނަ އެތައް މަންޒަރެއް ފެންނަން ވެސް ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ފުރަތަމަ ފަހަރަށް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް އިއްޔެ އޮންލައިންކޮށް ކުރިއަށް ގެންދިއުން ވެސް އެއީ ރާއްޖެއަށް އާ ކަންތައްތަކަށެވެ.


މިއަދަކީ ވެސް އެފަދަ ދުވަހެވެ. ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ލައިވްކޮށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އިއްޔެ ސުޕްރީމް ކޯޓުން އޮންލައިންކޮށް ބޭއްވި ޝަރީއަތަކީ ބަދުއަޚުލާގީ މައްސަލައަކާ ގުޅުންހުރި ޝަރީއަތެއް ކަމަށްވާތީ އެ ޝަރީއަތް ލައިވެއް ނުކުރެ އެވެ. އެކަމަކު މިއަދު ކުރިއަށް ގެންދިޔައީ ވަޒީފާއާބެހޭ މައްސަލައެއް ކަމަށްވާތީ އެ ޝަރީއަތް ލައިވްކޮށް ދެއްކި އެވެ.

ފަނޑިޔާރުންނާއި ވަކީލުން އެ ބޭފުޅަކު ބޭނުންވާ ތަނެއްގައި އިންނަވައިގެން އޮންލައިންކޮށް އެ ޝަރީއަތުގައި ބައިވެރިވެ ވަޑައިގަތްއިރު، ޝަރީއަތް ލައިވްކޮށް ދައްކަމުން ދިޔައީ ޔޫޓިއުބް މެދުވެރިކޮށެވެ. އެކި ބޭފުޅުން އެކި ތަންތަނުގައި ތިބެގެން ޝަރީއަތުގައި ބައިިވެރިވިޔަސް، ޝަރީއަތުގެ އާންމު އުސޫލުން ފަނޑިޔާރުން ގައުނު ތުރުކުރައްވައިގެން ތިއްބެވިއިރު، ވަކީލުން ތިއްބެވީ ކޯޓު ތުރު ކުރައްވައިގެންނެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައިި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އެ މައްސަލައަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މުވައްޒަފަކު ވަޒީފާއިން ވަކިިކުރި މައްސަލަ އެކެވެ.

މީގެކުރިން ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތެވެ. އެކަމަކު އެ މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންދަނީ ލައިވްކޮށް ދެއްކުމެއް ނެތި އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ލައިވް ކުރިއިރު، ރާއްޖޭގެ އިތުރުން އެމެރިކާގެ ސުޕްރީމް ކޯޓުން ވެސް ދާދިފަހުން ވަނީ އެ ކޯޓުގެ ޝަރީއަތްތައް އޯޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންގޮސް އަދި ލައިވްކޮށް އިއްވައިފަ އެވެ. މިދިޔަ މަހު ބޭއްވި އެފަދަ ފުރަތަމަ ޝަރީއަތަކީ ޝަރީއަތް ލައިވް ކުރުމުގެ ފުރުސަތު ދޭން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދިއުމަށް ފަހު އެމެރިކާ ސުޕްރީމް ކޯޓުން އެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.