ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!

މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތައް ފުލުހުން ތަހުގީގުކޮށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވުމުން، އެކަމަށް ފާޑުވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރީޓްވީޓް ކުރައްވައިފި އެވެ.


އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ، ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ކުޑަ ވެސް ތާއީދެއް އެއްވެސް ދާއިރާއަކުން މިނިސްޓަރުގެ އަދާލަތު ޕާޓީ އަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ. އެކަން އެގޮތަށް އޮއްވައި މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން މިނިސްޓަރު ހުރެގެން ނުވާނެ ކަމަށް އޭނާގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ހަސަން ލަތީފްގެ ޓްވީޓް ނަޝީދު ރީޓްވީޓް ކުރެއްވުން

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވެސް ރައީސް، ނަޝީދު އެ ޓްވީޓް ރީޓްވީޓް ކުރެއްވުމުގެ އިތުރުން އެއްޗެއް ވިދާޅެއް ނުވެ އެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސްއެޅޭ ގޮތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަޑުގަދަ ކުރައްވަން ފެއްޓެވެމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ އޭނާގެ ނަން އިއްވަވައިފަ އެވެ. އެއާއެކު އެމްޑީޕީގެ މެމްބަރުން އޭނާ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން ކުރި މަސައްކަތުގެ ތެރޭގައި ހަމަނުޖެހުން އުފެދި ޝިޔާމަށް އަނިޔާވި އެވެ. އެ އަނިޔާގައި އޭނާގެ މޭ ކަށިގަނޑާއި މައިބަދައިގައި ރެނދުލާފައިވާ ކަމަށާއި މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މިނިސްޓަރު އިމްރާން ރޭ ވިދާޅުވީ މި ސަރުކާރުން އެންމެ މުހިންމު ކަމެއް ދީފައިވާ އެއް ކަމަކީ ދައުލަތުގެ މުއައްސަސާތައް މިނިވަންކަމާ އެކު ހިންގުން ކަމަށެވެ. މިނިވަން މުއައްސަސާތައް ހިންގުމުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުން ބަލައިދޭން ހުށަހަޅާފައިވާތީ، އޮންނަ އުސޫލުން ފުލުހުން އެކަން ތަހުގީގު ކޮށް އިންސާފު ހޯދައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމްގެ ނަން އިއްވުމުން ވެސް އޭނާ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިނުގަތުމުން ނަޝީދު ހެއްދެވި ގޮތަކީ ޝިޔާމް ނެރުމަށް އެމްޑީޕީގެ މެމްބަރުންނަށް އެންގެވީ އެވެ. އެއާއެކު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޝިޔާމް ވަށައިލައި އޭނާ މަޖިލީހުން ނެރުމަށް މަސައްކަތް ފެއްޓެވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މެމްބަރެއްގެ ނަން ރިޔާސަތުން އިއްވައިފި ނަމަ އެ މެމްބަރަކު މަޖިލީހުން ނެރުމުގައި އިސްކޮށް ހުންނަވާނީ ސާޖަންޓް އެޓް އާމްސް އެވެ. އެކަމަކު، އެ ރޭގެ ޖަލްސާގައި ފެނުނީ ޝިޔާމް ގަދަކަމުން މަޖިލީހުން ނެރުމަށް އެމްޑީޕީގެ މެމްބަރުން އުޅުއްވި ތަނެވެ. އެކަމުގައި މަޖިލީހުގެ ރިޔާސަތުން އަމަލު ކުރިގޮތަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

ސަރުކާރު ކޯލިޝަންގެވެސް މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޝިޔާމާ ދެމެދު ހިނގި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ މެމްބަރުންނަށްވެސް އަނިޔާވެފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޝިޔާމަށް އަނިޔާވެރިވީ މަޖިލިސްގެ ރައީސް ނަޝީދު ދެއްވި އޯޑަރުގެ ސަބަބުން ކަމަށް ބުނެ ނައިފަރުގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ޝިޔާމަށް އިންސާފު ހޯދައި ދިނުމަށް ގޮވާލި އެވެ.