ޔޫއޭއީ އިން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް، ޕީސީއާރު މެޝިނަކާއި ކިޓުތައް އެހީގެ ތެރޭގައި ހިމެނޭ

ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނަކާއި އެ އަށް ބޭނުންވާ ކިޓްތަކާއި އެހެން ބައެއް މުހިއްމު ތަކެތި ޔޫއޭއީ އިން ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19 އަށް ޓެސްޓު ކުރާ ޕީސީއާރު މެޝިނާއި އެހެން ތަކެތި މީގެ ކުޑައިރުކޮޅެއް ކުރިން ރާއްޖެއަށް ގެނެސްފައިވާ ކަަމަށާއި އެ ތަކެތީގެ ޖުމުލަ އަގު 77.3 މިލިޔަން ރުފިޔާ އަަށް އަރާ ކަމަށެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫއޭއީގެ ސަރުކާރުން ދިން އެހީގެ އެ ތަކެތި ރާއްޖެ އަށް ގެނައީ އެ ގައުމުގެ ސަރުކާރުން ފޮނުވި ހާއްސަ މަތިންދާބޯޓެއްގަ (އެމިރޭޓްސް) އެވެ.

ޔޫއޭއީން ހަދިޔާކުރި ޕީސީއާރު މެޝިނަކީ ގަޑިއަކު 96 ސާމްޕަލް ޕްރޮސެސް ކުރެވޭ ފެންވަރު ރަނގަޅު މެޝިނެކެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ މި ދަތި ވަގުތު ވެސް ޔޫއޭއީ ސަރުކާރުން ދިން ބޮޑު އެހީތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެ ގައުމުގެ ސަރުކާރަށް ހާއްސަ ޝުކުރެއް އަަދާކުރެއްވި އެވެ. މި އެހީ ދީފައި މިވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނަށް އޭޕްރިލް 10 ގައި ޝާހިދު ގުޅުއްވައި ރާއްޖޭގެ ހާލަތުގެ މައުލޫމާތު ދެއްްވާފައި ވަނިކޮށެވެ.

ޔޫއޭއީ އިން ހަދިޔާ ކުރި ތަކެތި:

- ދެ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް.

- ޕީސީއާރް އެކްސްޓްރެކްޝަން މެޝިނެއް.

- 30،000 ޕީސީއާރް ޑަަޔަގްނޯސްޓިކް ކިޓް.

- 75،000 ޕާސަނަލް ޕްރޮޓެކްޝަން ގައުންސް (ޑިސްޕޯސަބުލް).

- 10،000 ފޭސް ޝީލްޑް.

- 2.5 މިލިއަން ސާޖިކަލް މާސްކް.

-225،000 ކޭއެން 95 މާސްކް.

100،000 ފުޅި ސެނިޓައިޒާ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލުކަން އިތުރު ކުރެވި، ޓެސްޓް ކުރެވޭ އަދަދު ވެސް ގިނަވާނެ ކަމަށެވެ. މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެ އިން މިސްރާބު ޖަހާފައިވާ މިވަގުތު ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރިފައިވާއިރު، އެ ބައްޔަށް މިހާރު ޓެސްޓު ކުރަނީ އައިޖީއެމްއެޗާއި ފުލުހުންގެ ފޮރެންސިކް ސާވިސް އަދި އޭޑީކޭ ހޮސްޕިޓަލުންނެވެ.