ފުލުހުންތަކެއް، މަގުމަތީގައި ހަރަކާތްތެރިވަނީ: ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި އަށް ފުލުހަކަށް ވަނީ ދައުވާ އުފުލައިފައި.-- މިހާރު ފޮޓޯ
17 ޖޫން 2020 - 15:02
ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި އަށް ފުލުހެއްގެ މައްޗަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ދައުވާ އުފުލާފައިވާ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި މ. އުޖާލާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލައެއްގައި 11 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އޮކްޓޯބަރު 31 ވަނަ ދުވަހު ޕީޖީއަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް ހެކި ނެތުމުން ތިން މީހެއްގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ، އަހުމަދު ޝަފީއު ވިދާޅުވީ އަށް ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު ބޭއްވިއިރު، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެންމެން ވެސް ވަނީ ވަކީލަކަށް އެދިފަ އެވެ.
އޭގެ ފަހުން މިދިޔަ މާޗު މަހު ބޭއްވި އަޑުއެހުން ވަނީ ކެންސަލްވެފަ އެވެ.
ޝަފީއު ވިދާޅުވީ، ޕީނަލް ކޯޑުގެ ދަށުން ދައުވާ އުފުލި މީހުންގެ ތެރެއިން ހަތް މީހަކަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާ އެވެ. އޭގެ ތެރެއިން އެއް ފުލުހަކަށް ދެ ދައުވާއެއް ކުރާއިރު ދެން ހުރި ފުލުހަށް ކޮށްފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި މަންޒަރު ސޯޝަލް މީޑިއާގައި އޭރު ވަރަށް ބޮޑަށް ދައުރުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން އެ މީހާ އަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި ގަލަކުން ވެސް އެ މީހާގެ ގައިގައި ޖަހަ އެވެ.
ބިދޭސީއަކަށް އަނިޔާކުރި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރުމާއި ޑިޕާޓްމަންޓު ބަދަލުކުރަން ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ނިންމި އެވެ. ނަމަވެސް އެ އަދަބު ލުއިކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ އެ ނިންމުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު ކުރުމުން ވެސް، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ވަނީ ދަމަހައްޓައިފަ އެވެ. އެހެންވެ އެ ފުލުހުން ތިބީ ވަޒީފާގަ އެވެ.
ވައްކަމުގެ ތުހުމަތުގައި މިިދިޔަ އޮގަސްޓް 5 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކަށް އަނިޔާކުރި މައްސަލައެއްގައި ހަތަރު ފުލުހަކަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އޭގެ ތެރެއިން ތިން މީހަކު ވަޒީފާއިން ވަކިކޮށް އެކެއްގެ ރޭންކް ދަށްކުރަން، ޑިސިޕްލިނަރީ ބޯޑުން މިދިޔަ ހޯމަ ދުވަހު ނިންމާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުމް
18 June 2020
އަވަސްކުރޭ ފިޔަވަޅުއަޅާ ހަޑި ސާފުކުރޭ. އެމް ޑީޕީ އާ އެމް.ޑީ އެން އަކީ ވަރަށްވެސް އަމާނާތްތެރި ތެދުވެރި ދީންބައެއް. ކެނެރީގޭ ނަސީދާ އިބޫ ސޯލިހަކީ މިޤައުމަށް ލިބިފަތިބި ސާފު ހުދުފޮތި ކޮޅެއް. އެއްވެސް ހަޑިކަމެއްނެތް 2 ބޭފުޅުން
ހެއި
18 June 2020
ކެނެރީގޭ ނަސީދު ދައްކާ ވާހަކާތަކާ އުޅެމުން އަންނަގޮތް އެއީ ވަރަށް ސާފު ތެދުވެރިއެއްތޯ؟ އަންނި ކޮންމެފަދަ ދޮގު ވާހަކައެއް ދެއްކިޔަސް ހަމައޯކޭތޯ؟ މިކަން ރަގަޅުވެގެންދާ ނަމަ ދިވެހިން ގެއްލި ހަލާކުވެދާނެ
ޖާބެ
18 June 2020
ފެބްރުއަރީ 7-8 ގެ މަސްއޫލްވި ހުރިހާ ޔުނީފޯމް ކުދިންނައް އަދަބު ލިބޭނެ ކަމައް ވަނީ...
ޕޮކަޑިމޭން
17 June 2020
އެއްކުށަކަށް ދެއަދަބެއް ނުދެވޭނެ، މީގެ ކުރިން މަޤާމުދައްކޮށް ސަސްޕެންޑް ކޮށްފަތިބި ބަޔަކަށް އިތުރު އަދަބެއް ދިނިމުގެ ގޮތުން ޖިނާއީ ދައުވާއެއް ކުރުމުގެ ފުރުޞަތެއް މިހާރަކު ނޯންނާނެ
ނިރު
17 June 2020
ފުލުހުންގެ ތެރޭގަ އެއޮންނަ އަނިޔާ ކުރުމުގެ ސަގާފަތް އެއްކޮން ބަދަލް ކޮއްލަން ވަރަށް ދުވަސް ނަގާނެ.. މިހާރުވެސް ކުރީގެ ސީޕީ ރިޔާޒް އެއުޅެނީ އެކަމަށް ހުރަސްއެޅޭތޯ.. ޤަވާއިދާ ޤަނޫނުގެ ތެރެއިން މަސައްކަތް ކުރާ ފުލުހުން އެއްގޮތަކަށްވެސް 241 ކޮމެޓީން މައްސަލަ ބަލާފާނެތީވެ ބިރު ގަންނާކަށް ނުޖެހޭނެ .. ފުލުހުންގެ ތެރޭގަ އެއޮންނަ އަނިޔާކުރުމުގެ ސަގާފަތް ނައްތާލެވޭތޯ މަޖިލިސް މެމްބަރުންވެސް އެމަސައްކަތް ކުަރަން އެއުޅެނީވެސް