ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ބިދޭސީއަކަށް އަނިޔާކުރި މައްސަލައިގައި 11 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވުމުން 8 ފުލުހެއްގެ މައްސަލަ ބަލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު މ. އުޖާލާގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންތަކެއް އަނިޔާކުރި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގައި، 11 ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޮކްޓޫބަރު 31، 2019 ގައި ޕީޖީއަށް ފޮނުވި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ޕީޖީން ބަލައިގަތީ އަށް ފުލުހެއްގެ މައްސަލަ އެވެ. އެކަމަކު މައްސަލަ ގޮސްފައިވާ ހިސާބެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލައިގައި ހިމެނެނީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ، އިންވެސްޓިގޭޝަން އޮފިސަރުން (އައިއޯ) ގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންނެވެ.

މަސްތުވާތަކެތީގެ މައްސަަލައިގައި ހައްޔަރު ކުރުމުގެ ތެރޭގައި ބިދޭސީއަކަށް އަނިޔާކުރި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުން ޑީމޯޓުކުރުމާއި ޑިޕާޓްމަންޓު ބަދަލުކުރަން ޑިސިޕްލިނަރީ ބޯޑުން މީގެ ކުރިން ނިންމި އެވެ. ނަމަވެސް އެ އަދަބު ލުއިކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ އެ ނިންމުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އިސްތިއުނާފު ކުރުމުން ވެސް، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ވަނީ ދަމަހައްޓައިފަ އެވެ. އެހެންވެ އެ ފުލުހުން ތިބީ ވަޒީފާގަ އެވެ.

ފުލުހުން އެ ގެ އަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެންނެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެ ގެއިން 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ. އަދި އެ ގޭގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުންމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ހައްޔަރުކޮށްފަ އެވެ.

ބިދޭސީގެ ގައިގައި ތަޅައި އަނިޔާކުރި މަންޒަރު ސޯޝަލް މީޑިއާގައި އޭރު ވަރަށް ބޮޑަށް ދައުރުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން އެ މީހާ އަށް ހަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ.