ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މެދުކަނޑާލައި، ކޯޓު ޑިސްއިންފެކްޓް ކުރަނީ

ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ކޯޓުން މިއަދާއި މާދަމާގެ ޝަރީއަތްތައް ކެންސަލްކޮށް، ކޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.


އެ ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ޑިސްއިންފެކްޓް ކުރުމަށްޓަކައި މިއަދާއި މާދަމާގެ ޝަރީއަތްތައް ކެންސަލް ކުރިޔަސް، ބަންދާ މެދު ގޮތެއް ނިންމުމާއި އަމުރުތައް ނެރުމުގެ ނެރުމުގެ މަސައްކަތް ފަނޑިޔާރުންނާއި މުވައްޒަފުން ގޭގައި ތިބެގެން އޮންލައިންކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފާ ކޯޓުން ބައްދަލުވި މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ، ކޮވިޑް-19 އަށް މުވައްޒަފަކު ޕޮޒިޓިވް ވިޔަސް، ގިނަ މުވައްޒަފުން ކަރަންޓީނަށް ދާން ނުޖެހި، ކޯޓުގެ މަސައްކަތްތައް ނުހުއްޓޭނެ ގޮތަކަށް ކުރިން ވެސް އޮތީ މަސައްކަތްތައް ރާވާފައި ކަމަށެވެ. އެގޮތުން، ފަނޑިޔާރުންނާއި މުވައްޒަފުން މިހާތަނަށް ވެސް ކޯޓަށް ނުކުމެ މަސައްކަތް ކުރަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށާއި ކޮންމެ ދަންފަޅިއެއްގައި ނުކުންނަނީ ޝަރީއަތް ކުރާ ދެ ސެކްޝަނުން ކަމަށް އެ ބަޔާނުގައިވެ އެވެ. މަސައްކަތް ކުރިއަށް ދާއިރު ވެސް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން އިރުޝާދު ދީފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެ އެވެ.

ކޮވިޑް-19 އަށް ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމުން އެތަން ވެސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. ރާއްޖެ އިން އެ ބައްޔަށް ޕޮޒިޓިވްވި، މީހުންގެ އަދަދު 2،100 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ރަނގަޅުވި މީހުންގެ އަދަދު ވަނީ 1،700 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. މިހާތަނަށް އެ ބަލީގައި މަރުވީ އަށް މީހެކެވެ.