ރައްކާތެރިކަމުގެ ޔަގީންކަން މަޖިލީހުން އަދިވެސް ނުދޭ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވަނީ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން މަޖިލީހުން އަދިވެސް ނުލިބޭތީ ކަމަށް އިދިކޮޅު ޕީއެންސީން މިއަދު ބުނެފި އެވެ.


ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅި ޖަލްސާގައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުން ގަދަކަމުން ނެރުނީ އެމްޑީޕީގެ މެމްބަރުންނެވެ. ޝިޔާމްގެ ދެކޮޅު ހެދުންތަކާ އެކު ތަޅުމުން އޭނާ ނެރުމުގެ ތެރޭގައި އަނިޔާވެ ފަރުވާ ހޯދަން ޖެހުނެވެ. އަދިވެސް އޭނާގެ ހާލު ރަނގަޅެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމުރަށް، އެމްޑީޕީގެ މެމްބަރުން، އިދިކޮޅު މެމްބަރަކު ނެރުމަކީ މަޖިލީހުގެ ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިދިކޮޅު މެމްބަރުންނަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށް ބުނެ ޖަލްސާތައް ވަނީ ބޮއިކޮޓްކޮށްފަ އެވެ.

ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިފައި އޮތް އިރު، އެ ޔަގީންކަން މަޖިލީހުން އަދިވެސް ކަށަވަރުކޮށް ނުދޭ ކަމަށެވެ. މިއީ، މަޖިލިސް މެދުވެރިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތަށް އެޅިފައިވާ ހުރަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދާއި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް ސައީދު އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ފުލުހުންގެ ބިލާއި ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ އިތުރަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގާ ގުޅޭ ކަންބޮޑުވުންތަކުގައި އިދިކޮޅު މެމްބަރުން މަޖިލީހުގައި އަޑު އިއްވަން ބޭނުންވެ އެވެ. އެކަމަކު، ޖަވާބުދާރީ ކުރުވުމުގެ މާހައުލު މަޖިލިސް ތެރެއިން ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނިޒާމް ގެއްލިއްޖިއްޔާ އަމަލުކުރަންވާ އުސޫލް ގަވާއިދުގައި އޮވޭ. އެއާ ޚިލާފަށް މެމްބަރުންނަށް އަމުރު ކޮށްގެން ރިޔާސަތުން ކަންކަން ކުރެއްވުމަކީ ވަރަށް ނުރައްކާ، ނާތަހުޒީބު، ގާނޫނާއި ގަވާއިދާ ވެސް ޚިލާފު އަމަލެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ނިޒާމު ގެއްލިއްޖެ ނަމަ ދެން ވެސް ސިފައިން ނުވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވފައި ވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މެމްބަރަކު ނެރުން ފަދަ ކަމަކަށް ސިފައިން ވަޑަައިގަންނަަވަން އެދިވަޑައިނުގަންނަވާ ކަމަށާއި މަޖިލީހުގެ ކަންތައްތައް ނިންމަން ވާނީ މަޖިލީހުން އަމިއްލަ އަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހަށް ސިފައިިން ވައްދަން ޖެހިއްޖެ ނަމަ އެކަން ވާނީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު ފެއިލްވުމަކަށެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަމެއް މަޖިލީހަކުން އަދި ނުލިބޭ، ރައްކާތެރި މާހައުލެއް ކަށަވަރުވެފައި އޮންނާނެ ކަމުގެ. މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ މެދު މިރޭ ގޮތެއް ނިންމާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކައުންސިލަރުންގެ ދައުރު ހަމަވެ ގާނޫނީ ހުސްކަން ކުރިމަތިވިޔަ ނުދޭން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ފާސްކުރި ޖަލްސާގައި ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ނަޝީދު އިއްވެވީ ޖަލްސާގައި ގާނޫނު ޚިލާފު އަމަލުތައް ހިންގަވަނީ ކަމަށް ވިދާޅުވެ އަޑުގަދަ ކުރައްވަން ފެއްޓެވެމުންނެވެ. އޭނާ އަޑުގަދަކުރެއްވީ ގާނޫނުއަސާސީ އިސްލާހުކުރަން އުޅުނު ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.

"ނިޒާމް ގެއްލިއްޖިއްޔާ އަމަލުކުރަންވާ އުސޫލް ގަވާއިދުގައި އޮވޭ. އެއާ ޚިލާފަށް މެމްބަރުންނަށް އަމުރު ކޮށްގެން ރިޔާސަތުން ކަންކަން ކުރެއްވުމަކީ ވަރަށް ނުރައްކާ، ނާތަހުޒީބު، ގާނޫނާއި ގަވާއިދާ ވެސް ޚިލާފު އަމަލެއް،" ---އާދަމް ޝަރީފް

ޕީޕީއެމާއި ޕީއެންސީން ބުނެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާގައި ޝިޔާމްގެ ނަން، މަޖިލީހުގެ ރައީސް ނަޝީދު އިއްވަވައި ޝިޔާމް ބޭރަށް ނެރެން އަމުރުކުރައްވައި، އެމްޑީޕީ މެމްބަރުން ލައްވައި އަމަލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާއާ ޚިލާފަށެވެ. ޝިޔާމްގެ ހާލު ބަލަން ތަޅުމުން ނުކުމެވަޑައިގަތް އިދިކޮޅުގެ މެމްބަރުން ވެސް ފަހުން ޖަލްސާގައި ބައިވެރި ނުކޮށް، ހައްގެއް ނިގުޅައިގެންފައިވާ ކަމަށް ޕީޕީއެމާއި ޕީއެންސީން ވަނީ ތުހުމަތުކޮށްފަ އެވެ.

ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރުމުގައި ހަމަނުޖެހުން ހިންގައި، ޝިޔާމަށް އަނިޔާކުރި މައްސަލައިގައި ބަޔާންތައް ނަގައި، ހޯދުންތައް ހޯދުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.

އެ މައްސަލަ ބަލަން ސަބް ކޮމިޓީއެއް ނެގިއިރު، ފުލުހުން ވެސް މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެކަމަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އިމްރާނަށް އަމާޒުވި އެވެ.