މަސް ބޭރުކުރާ ކުންފުނިތަކަށް 51 މިލިއަން ރުފިޔާ ދީފި

ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލޯން ފެސިލިޓީން މިހާތަނަށް 51 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ބޮޑު ކަންނެލި ގަނެ، އެކްސްޕޯޓް ކުރާ ކުންފުނިތަކުގެ ކޭޝް ފްލޯ ރަނގަޅުކޮށް، އަދި ކޮވިޑް-19 ގެ މި ހާލަތުގައި ވެސް މަސް ގަތުން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތް ހަދަން 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓީއެއް ސަރުކާރުން ވަނީ ތައާރަފްކޮށްފަ އެވެ. އެ ސްކީމްގެ ދަށުން ލޯން ދޫކުރަނީ ފާއިތުވި ހަ މަސް ދުވަހު މަސް ގަނެ، އެކްސްޕޯޓް ކޮށްފައިވާ ކުންފުނިތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެންދުރަށް މެދުކަނޑާލުމުގެ ކުރިން ނަޝީދު ވިދާޅުވީ އެ ލޯން ސްކީމްގެ ދަށުން އަށް ކުންފުންޏަކަށް 51 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

އެމަނިކުފާނު ވަނީ މިދިއަ ދެ މަސް ދުވަހު ރާއްޖެ އިން ބޭރުކުރި މަހުގެ ނިސްބަތް ވެސް ވިދާޅުވެފަ އެވެ. އެގޮތުން އޭޕްރީލް މަހު 408،091 ކިލޯ އަދި މޭ މަހު 236،763 ކިލޯއާ އެކު މިދިއަ ދެ މަސް ދުވަހު ޖުމްލަ 644،854 ކިލޯގެ މަސް އެ ކުންފުނިތަކުން ބޭރުކޮށްފައިވާ ކަަމށް، ނަޝީދު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ މިދިޔަ ދެ މަސް ދުވަސް އެއީ އެހެން އެއްވެސް އާމްދަނީއެއް ރާއްޖެއަށް ނުލިބޭ ދެ މަސް ދުވަސް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭން ބޭރަށް މަސް ވިއްކާއިރު ފައިސާ އަނބުރާ ލިބެން 90 ދުވަހާއި 120 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާ އިރު، އެމަނިކުފާނު ވިދާޅުވީ، އެއީ ބައެއް ފަހަރަށް ދިވެހި ކުންފުނިތަކުގެ ކޭޝް ފްލޯ ދަށްވާ ސަބަބެއް ކަމަށެވެ.

އެހެންކަމުން ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ޔަގީންކުރައްވަނީ ދޫނުކޮށް ބާކީ އޮތް 49 މިލިއަން ރުފިޔާ ވެސް އެހެން ކަމަކަށް ބޭނުން ނުކޮށް އެ ޕްރޮގްރާމަށް ހޭދަކުރައްވާނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ދިމާވި އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރާ ކަންކަމަށް މަޖިލީހުން ދިން ލަފާތަކަށް އަމަލު ކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.