އެމްއޭސީއެލްގެ ސީއީއޯ، އެމްޑީއަކަށް އިނގިރޭސި ވިލާތުގެ ބޭފުޅަކު ހަމަޖައްސައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.


ގޯޑަން އެންޑްރޫ ސްޓުއާޓް އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ، އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޯޓުގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އޭގެ ތެރެއިން 20 އަހަރަށް ވުރެ ގިނަ ދުވަސް އޭނާ ހޭދަކުރެއްވީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަމުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރެއް މި ހަމަޖެއްސީ ދުވަސްތަކަކަށް ފަހު އެވެ. އެންމެ ފަހުން އެ ކުންފުނީގެ އެމްޑީއަކަށް ހުންނެވި އާދިލް މޫސާ ނޮވެމްބަރު 2018 ގައި ވެރިކަން ބަދަލުކުވުމުން އިސްތިއުފާ ދެއްވުމާ އެކު، އެ ތަން ވަގުތީ ގޮތުން ހިންގަމުން ގެންދަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ.

އެމްއޭސީއެލްގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ބޭފުޅަކު ހުންނެވީ އިންޑިއާގެ ޖީއެމްއާރުން އެއާޕޯޓު ހިންގި ދުވަސްވަރު އެވެ. އޭރުގެ ސީއީއޯ އަކީ އެންޑްރޫ ހެރިސަން އެވެ.

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުނި، އެމްއޭސީއެލްގެ އާ ސީއީއޯ އަދި އެމްޑީ ގޯޑަން މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަހު، އަންނަ މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމާ އެކު އެވެ.