ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތާ މެދު ސުވާލު އުފެދޭތީ އެ މައްސަލަ ބަލައި ދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު އެންއައިސީއަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށް، ހިނގާދިޔަ ކަންކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.
"މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކަންކަން ކޮށްފައިވަނީ މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަމަލުކުރަމުން އަންނަ އުސޫލުތަކާ ހިލާފަށްކަން ވެސް މި މައްސަލައިގައި މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވޭ. އަދި މި މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުން އަންނަނީ ބައެއް ފަރާތްތަކުގެ ނުފޫޒުގެ ސަބަބުން ކަމަށް ވެސް އަންނަނީ ތުހުމަތުކުރަމުން،" އެންއައިސީގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުއްވި ސިޓީގައި ވެ އެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަން ބެލުމަކީ އެންއައިސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާތީ އެ މައްސަލަ ބަލައި ދިނުމަށް އުޝާމް އެދިވަޑައިގެންފައިވެ އެވެ. އަދި އެކަން އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ސިޓީގައިވެ އެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންއައިސީއިން އެ މައްސަލަ ބަލައިތޯ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ކަށަވަރުކުރާނެ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ފުލުހުންނަށް ރިޕޯޓުކުރި މި މައްސަލައިގެ ތުހުމަތަށް އުމުރުން 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފުލުހުން ވަނީ އެ ދެ މީހުން އިއްޔެ ދޫކޮށްލައިފަ އެވެ. ތުހުމަތު ކުރެވެނީ އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ފިރިމީހާ އާއި އިތުރު މީހަކަށެވެ. އެ މީހުން ދޫކޮށްލި ސަބަބެއް ކަމަށް ބުނީ، ތަހުގީގަށް ހައްޔަރު ކޮށްފައި ބޭތިއްބޭނެ އިތުރު ސަބަބެއް ނެތުމުން ކަމަށެވެ. އެކަމަކު، ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.
މި މައްސަލައިގައި ފުލުހުން ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހި ކެންޔާގެ އެ އަންހެން މީހާ ވަނީ ރާއްޖޭގެ މީޑިއާތަކަށް އެ އަމަލުގެ ތަފުސީލުތައް ވެސް ކިޔައިދޭން ފަށައިފަ އެވެ. އޭނާ ދިން ކަމަށް ބުނާ އިންޓަވިއުއަކާ ހަވާލާ ދީ، މީޑިއާއަކުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން އެކު އޭނާ ރޭޕް ކޮށް އަނެކަކު ވަނީ ރޭޕް ކުރަން ތަކުރާރުކޮށް މަސައްކަތްކޮށްފަ އެވެ.
އޭނާ ތުހުމަތުކޮށްފައިވާ ގޮތުގައި އެ އަމަލު ހިންގާފައި ވަނީ ސިޔާސީ ގޮތުން ބާރުގަދަ ބަޔަކާ ގުޅުން އޮތް ދެ މީހުންނެވެ. އަދި އެ ވާހަކަ ބުނެފައި ވަނީ ވެސް އެ ދެ މީހުން އަމިއްލަ އަށް ކަމަށް އޭނާ ބުނެ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ މައްސަލަ ހުޅުމާލޭ ޕޮލިހަށް ހުށަހެޅުމާ އެކު އެ މައްސަލަަ ފުރަތަމަ ބަލަމުން ދިޔައީ ވަރަށް ރަނގަޅަށެވެ. އެކަމަކު ފަހުން އެކަން ބަދަލުވީ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.
އެ މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ. އެ މައްސަލަ ހޫނުވެފައި ވަނިކޮށް އެކަން ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ވެސް ވަނީ ނިންމައިފަ އެވެ.