މެމްބަރު ޝިޔާމް މަޖިލީހުން ގަދަކަމުން ނެރުނު މައްސަލަ އައިޕީޔޫއިން ބަލަން ނިންމައިފި

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މިދިޔަ މަހު އެއްވަނަ ދުވަހުގެ ރޭ މެންދަމު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހޫނުވެ، އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު، ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް، ގަދަކަމުން ތަޅުމުން ބޭރުކުރި މައްސަލަ ބަލައިގަނެ އެކަން ބަލަން ފަށާފައިވާ ކަމަށް އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) ން މިއަދު ބުނެފި އެވެ.


އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ގަދަކަމުން މަޖިލީހުގެ ތަޅުމުން ނެރުމުގެ ތެރޭގައި އަނިޔާވި މި މައްސަލަ ޝިޔާމް ވަނީ ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކާ ބެހޭ ޖަމިއްޔާ އަށް ހުށަހަޅުއްވައިފަ އެވެ. އެ ސިޓީގައި ޝިޔާމް ވަނީ މަޖިލީހުގެ ތަޅުމުން އޭނާ ބޭރުކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޝިޔާމް، އައިޕީޔޫ އަށް ފޮނުއްވި ސިޓީގެ ޖަވާބުގައި ވަނީ އެ މައްސަލަ ބަލައިގެންފައިވާ ކަމަށް އަންގައިފަ އެވެ. އަދި އެ މައްސަލަ އައިޕީޔޫގެ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސް ކޮމިޓީން ބަލަން އެދިފައިވާތީ އެކަން ވެސް ބަލައިގަންނަ ކަމަށް ޝިޔާމަށް ފޮނުވި ޖަވާބުގައި ވެ އެވެ.

އައިޕީޔޫގެ ރައީސް ގެބްރިއަލާ ކުއެވަސް ބެރަން ސޮއިކުރައްވައި، ޝިޔާމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި މައްސަލަ ބަލައި ދިނުމަށް ހިއުމަން ރައިޓްސް ޕާލިމެންޓޭރިއަންސް ކޮމިޓީގައި އެދިވަޑައިގަންނަވާނެ ކަމަށާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ޝިޔާމްގެ އެދިވަޑައިގަތުން ހުށަހަޅުއްވާނެ ކަމަށެވެ.

އައިޕީޔޫ އިން ބުނިގޮތުގައި، މެމްބަރުންގެ މިނިވަންކަމާއި ފިޒިކަލް އިންޓެގްރިޓީ އަކީ އެ ޖަމާއަތުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލާ ކަންކަމެވެ. ޝިޔާމްގެ މައްސަލަ އަށް ވެސް އެކަށީގެންވާ ސަމާލުކަންދީ، ބަލާނެ ކަމަށް އައިޕީޔޫ އިން ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ބޭއްވި ޖަލްސާ ހޫނުވެ، ޝިޔާމްގެ ނަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވުމަށް ފަހު، އެމްޑީޕީގެ މެމްބަރުން ގަދަކަމުން ވަނީ ޝިޔާމް މަޖިލީހުގެ ތަޅުމުން ނެރެފަ އެވެ.

އައިޕީޔޫގެ ރައީސް ގެބްރިއަލާ ކުއެވަސް ބެރަން ސޮއިކުރައްވައި، ޝިޔާމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މި މައްސަލަ ބަލައި ދިނުމަށް ހިއުމަން ރައިޓްސް ޕާލިމެންޓޭރިއަންސް ކޮމިޓީގައި އެދިވަޑައިގަންނަވާނެ ކަމަށާއި އައިޕީޔޫގެ ސެކްރެޓަރީ ޖެނެރަލަށް ވެސް ޝިޔާމްގެ އެދިވަޑައިގަތުން ހުށަހަޅުއްވާނެ ކަމަށެވެ.

މަޖިލީހުގެ ތަޅުމުން ޝިޔާމް ގަދަކަމުން ނެރުމުގެ ތެރޭގައި އޭނާގެ މޭކަށިގަނޑަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުނެވެ.

މަޖިލީހުގެ ރައީސްގެ އަމުރަށް މެމްބަރަކު ނުކިޔަމަންތެރިވެއްޖެ ނަމަ، އަމަލު ކުރަންޖެހޭ ގޮތް މަޖިިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މެމްބަރަކު މަޖިލީހުގެ ނިޒާމާ ޚިލާފުވާ ނަމަ، އޭނާގެ ނަން އިއްވައި، ތަޅުމުން ބޭރަށް ދާން އަންގަން ޖެހެނީ އޭނާ އަށް ނަސޭހަތްތެރިވެ އަދި އިންޒާރު ދިނުމަށް ފަހު އެވެ. ނަން އިއްވުމުން ވެސް ތަޅުމުން ނުކުތުމަށް އެ މެމްބަރު އިންކާރު ކުރައްވައިފި ނަމަ، އެ މެމްބަރު ޖަލްސާގައި ވަޑައިގެން ނެތް ކަމަށް ބަލައިގެން ޖަލްސާ ކުރިއަށް ގެންދިއުން ނުވަތަ ޖަލްސާ ކުރިއަށް ނުގެންދެވޭ ހާލަތަށް ގޮސްފި ނަމަ، ޖަލްސާ އެހެން ވަގުތަކަށް ފަސްކުރުމުގެ ބާރު މަޖިލީހުގެ ރައީސަށް އޮންނާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ޝިޔާމްގެ ނަން އިއްވައި، ތަޅުމުން ބޭރަށް ނުކުމެވަޑައިގަތުމަށް ނަޝީދު އެންގެވީ ޝިޔާމް އަޑުގަދަ ކުރައްވަން ފެށްޓެވުމުން ނަސޭހަތްތެރިވުމެއް ނެތި އެވެ. ޝިޔާމް، މަޖިލީހުގެ ތަޅުމުން ގަދަކަމުން ނެރުމަށް ކުރި މަސައްކަތް ނަޝީދު ހުއްޓުވައެއް ނުލެއްވި އެވެ. އޭގެ ބަދަލުގައި މެމްބަރުންގެ އަމަލުތަކަށް އެ މަނިކުފާނު ތާއީދު ކުރައްވާ މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ޝިޔާމާއި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އަނިޔާވި އެވެ.