އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، އެކަމަކު ކުރާނީ އެއްކަމެއް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ހުރިހާ ކަންކަމެއް ބަލަހައްޓައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އުފެއްދި ނެޝެނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިއްޔެ އުވާލައި، އެތަނުގެ ހުރިހާ މަސައްކަތެއް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ދަށަށް ބަދަލުކޮށްފި އެވެ.


މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެންއީއޯސީ އުވާލާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާންކުރައްވައިފަ އެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެންއީއޯސީ އުވައިލި ނަމަވެސް ހިންގަމުންދާ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާނެ ކަމަށެވެ. ހުރިހާ ކަމެއް ދެން ހިންގާނީ އެޗްއީއޯސީގެ ދަށުން ކަމަށް ވިދާޅުވި އެވެ.

"ހެލްތު އިމަޖެންސީ އޮޕަރޭޝަނަށް ބަދަލުވުމުން މަސައްކަތުގެ ބައިވެރިންނަކަށް ބޮޑު ބަދަލެއް ނާންނާނެ، އެކަމަކު ކުރިން އެތައް ދުވަހަކަށް ކުރި މަސައްކަތުގެ ސްކޭލް ކުޑަވެގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންއީއޯސީ އުވާލި ނަމަވެސް ހިންގަމުންދާ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ ނާރާނެ-- އަމީން

އަމީން ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތަށް މިހާރު ބަލާއިރު ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މަދުވުމާއި، ކަރަންޓީންކޮށް އައިސޮލޭޓްކުރަން ޖެހޭ މީހުން މަދުވުމުގެ އިތުރުން ލޮޮކްޑައުން އަށް ގެނައި ބޮޑެތި ލުއިތަކުގެ ސަބަބުން މުޅި އޮޕަރޭޝަންގެ ސްކޭލް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެޗްއީއޯސީ އުފައްދައި އެންއީއޯސީ އުވާލުމަކީ ހަމައެކަނި ހިންގުމުގެ ބަދަލެއް ކަމަށެވެ.

އަމީން ވިދާޅުވީ އޮޕަރޭޝަން ކުޑަކުރިޔަސް މިކަން ކުރިއަށްދާހާ ހިނދަކު ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މިކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.

"އެންމެ ބޮޑު ތަފާތަކީ އެންޑީއެމްއޭއިން ކުރަމުން އައި ކަންކަމަށް ބަދަލު އައުން. އެކަމަކު އެންޑީއެމްއޭ ވެސް ދެން ހުރި އިދާރާތަކުގެ އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް ލިބޭނެ،" އަމީން ވިދާޅުވި އެވެ.

"މިކަން ކޮޅެއްގައި ޖެހެންދެން، މި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުވަންދެން، ސަރުކާރުން ކަށަވަރުކުރާނެ މިކަން އެންމެ ފުރިހަމަކޮށް ކުރިއަށްގެންދާކަން."

ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާ އެކު އެންއީއޯސީ އުފައްދާފައި ވަނީ 7، މާޗްގަ އެވެ. އެންއީއޯސީގެ އޮޕަރޭޝަނަށް ހަތަރު މަހާ ގާތްކޮށްފައި ވަނިކޮށް އެންއީއޯސީ އުވާލައި ހުރިހާ މަސައްކަތެއް އެޗްއީއޯސީގެ ދަށަށް ބަދަލުކޮށްފައިވާއިރު އަމީން ވިދާޅުވީ އެޗްއީއޯސީ އަށް ވެސް އާ ތަރުޖަމާނެއް ކަނޑައަޅައި މައުލޫމާތުތައް ހާމަކުރަމުންދާނެ ކަމަށެވެ.