އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަޒީރުކަމުން ވަކިކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާ މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.


މިއީ ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމާ އެކު ޓޫރިޒަމް މިނިސްޓްރީ ހިންގުން މިހާރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ހަވާލުކުރައްވައިފަ އެވެ.

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ރޭ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން އަލީ ވަހީދަށް ރައީސް އެންގެވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެމަނިކުފާނަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި ހާމައެއްނުުރެ އެވެ.

މަގާމުން އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން، އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ.

ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ޓުވީޓްގައި ހިމަނާފައި ފޮޓޯގައި ވަނީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ.

ޖުމްހޫރީ ޕާޓީ ތެރެއިން ވެސް ދެކޮޅަށް

އަލީ ވަހީދު، ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުން ވަކިކުރަން އެ ޕާޓީގެ ކައުންސިލަށް މިއަދު ވަނީ ކުއްލި މައްސަލއެއް ވެސް ހުށަހަޅައިފަ އެވެ.

ވަަރަށް ޒުވާން އުމުރުގައި ސިޔާސީ ދާއިރާއަށް އަލީ ވަހީދު ނުކުމެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، ޑީއާރުޕީގަ އެވެ. މައުމޫން އެންމެ ފަހުން ވާދަކުރެއްވި 2008 ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީގެ ފަރާތުން މީޑީއާ އަށް މައުލޫމާތު ދެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.

މައުމޫނަށް އިންތިހާބު ގެއްލިވަޑައިގަތްތާ ހައެއްކަ މަސް ތެރޭގައި އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުންނަވައި، ތޮއްޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެވެ. އަދި އޭނާ އޭރު ވެވަޑައިގަތީ، އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލީ ފުރަތަމަ ރައްޔިތުންގެ މަޖިލިހުގެ އެންމެ ހަގު މެމްބަރަށެވެ.

އެކަމަކު ވެރިކަން ކުރަމުން އައި އެމްޑީޕީ އާއި ޑީއާރުޕީން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ، އެ އޮއިވަރުގެ ތެރޭގައި، ކުއްލިއަކަށް އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަމައަށް ވަޑައިގަތެވެ. އެކަމަކު މޭ 1، 2015 ގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް މާލޭގައި އޮތް ބޮޑު މުޒާހަރާގައި ހައްޔަރުވުމާ އެކު ފަހުން އިނގިރޭސި ވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ދުވަސްވަރު، އެ މަގާމުން ވަކިވެވަޑައިގަތެވެ. އަދި އެމްޑީޕީގެ މެމްބަރުކަން ވެސް ދޫކުރެއްވި އެވެ.

އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ބޭރުގައި ހުންނަވައިގެންނެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ އެކު އެވެ.

އާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން އަލީ ވަހީދަށް ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ.