ރިޒް އޮތީ ބްލެކްލިސްޓްކޮށްފައި، ބޮޑުފިނޮޅު ނަމުގައި ކުންފުންޏެއް އެބައޮތް: ވަކީލުން

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރި ރިޒް މޯލްޑިވްސްގެ ބިދޭސީންނަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުންތަކަށް ފަހު ހާމަވި ކަންކަމުން އެއީ ބްލެކްލިސްޓް ކޮށްފައިވާ ކުންފުންޏެއް ކަމާއި އެ ކުންފުނިން ކޯޓާ ހޯދަން ބޮޑުފިނޮޅުގެ ނަން ބޭނުންކޮށްގެން އެހެން ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާކަން އެނގިފައިވާ ކަމަށް ބޮޑުފިނޮޅުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސްގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.


ސީލް މޯލްޑިވްސް ތަމްސީލްކުރާ އެޑްވޮކަސީ ޗެމްބާސްގެ ވަކީލަކު މިއަދު ވިދާޅުވީ، ރިޒް މޯލްޑިވްސް ބްލެކްލިސްޓްކޮށްފައިވަނީ ސީދާ ކޮން މައްސަލައެއްގައިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު ހޯދަން ޓްރޭޑް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ވެސް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ސީލް މޯލްޑިވްސް އިން ބޮޑުފިނޮޅުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލުކުރުމަށް ފަހު އެ މަސައްކަތަށް ބިދޭސީން ހޯދަން ބޭނުންވާ ކޯޓާ ހަމަޖެއްސުމަށް މިދިޔަ އަހަރުގެ ޖޫން 20 ވަނަ ދުވަހު ޓްރޭޑް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ ސިޓީގައި، ރިޒް އާ މަސައްކަތް ހަވާލުކުރި ކަމާއި ސީލް މޯލްޑިވްސް އިން ކުރިން ހޯދާފައިވާ 42 މީހުންގެ ކޯޓާ ވެސް ރިޒް އަށް ބަދަލުކޮށް، އިތުރު ކޯޓާ ރިޒް އަށް ދިނުމަށް އެދިފައިވެ އެވެ.

މުސާރަ ނުލިބިގެން ބިދޭސީން ހަމަނުޖެހުން ހިންގައި ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުން ދިން މައްސަލަ ޖެހުމާ އެކު ރިޒްގެ ވަކީލުން ވެސް ވަނީ ބިދޭސީންނަކީ އެ ކުންފުނީގެ ކޯޓާގައި ގެނެސްފައިވާ މީހުން ނޫން ކަމަށާއި އެއީ ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓް ކިޔާ ކުންފުންޏެއްގެ ކޯޓާގައި ގެނެސްފައިވާ ބައެއް ކަމަށް ބުނެފަ އެވެ.

"ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓް އެއީ ސީލް ކުންފުންޏާ ގުޅުމެއް ހުރި ކުންފުންޏެއް ނޫން. ރިޒް ބްލެކްލިސްޓްކޮށްފައި އޮތުމުން ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓްގެ ކޯޓާގައި ބިދޭސީން ގެނައީ ކަމަށް ބެލެވޭތީ އެ ކުންފުނީގެ މައުލޫމާތު ހޯދަން ވެސް އަޅުގަނޑުމެން ވާނީ ޓްރޭޑް މިނިސްޓްރީގައި އެދިފައި. އެކަމަކު އެ މައުލޫމާތު އަދިވެސް ނުލިބޭ،" ސީލްގެ ވަކީލް ވިދާޅުވި އެވެ.

މި މައުލޫމާތު ޓްރޭޑް މިނިސްޓްރީން ހޯދަން މިދިޔަ ހަފުތާގައި "މިހާރު" ން އެދުމުން ވެސް މިނިސްޓްރީން މިހާތަނަށް ވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ބޮޑުފިނޮޅު ހޮޓެލް އެންޑް ރިސޯޓްގެ ނަމުގައި، މިދިޔަ އަހަރުގެ މެއި މަހު ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާކަން ޓްރޭޑް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން އެނގެ އެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ އަހްމަދު ހައިޝަމް ކިޔާ މީހަކާއި މަހްފޫޒް އިބްރާހިމް ކިޔާ މީހެކެވެ. މި ކުންފުނީގެ ދަށުން ވިޔަފާރީގެ ނަމެއް، ވިޔަފާރީގެ ހުއްދައެއް އަދި ލައިސަންސެއް ވެސް ދޫކޮށްފައި އޮތް ކަމަކަށް ނުދައްކަ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަން ރިޒް ކުންފުނިން ބިދޭސީން ގެންގުޅުމުގައި ހިއުމަން ޓްރެފިކިން އަށް ތުހުމަތުކުރެވޭ ސީރިއަސް ކަންތައްތަކެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ވިސާ އާއި އިންޝުއަރެންސް ބިދޭސީން ގެންގުޅުމާއި މުސާރަ ނުދީ މަސައްކަތްކުރުވުމަށް ފަހު އެކަމާ ޝަކުވާކުރާ ބިދޭސީން ފޮނުވާލައި އެ މީހުންގެ ބަދަލުގައި އެހެން ބިދޭސީން ގެނެސް މަސައްކަތްކުރުވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ރިޒްގެ ވަކީލުން ވިދާޅުވެފައި ވަނީ ރިސޯޓްގައި ތިބީ ލިޔެކިޔުން ހުރި ބިދޭސީން ކަމަށާއި ލިޔެކިޔުންތައް ގެއްލުނީ ރަށުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ތަންތަނަށް ގެއްލުން ދިނުމުން ކަމަށެވެ. ބިދޭސީންނާ ހަވާލުވެވޭނީ އެއީ ކޮން ބައެއްކަން އެނގުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ ރިޒްގެ ޒިންމާގައި ތިބި ބައެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނިން ވާހަކަ ދެއްކި ނަމަވެސް ފުރަތަމަ ބުނެފައިވަނީ މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ޕްރޮޖެކްޓުގެ އަގުގެ އިތުރަށް ވެސް ރިޒް އަށް މިހާރު ފައިސާ ދެވިފައިވާ ކަމަށާއި މުސާރަ ދޭންޖެހެނީ އެއްބަސްވުމުގައިވާ ގޮތަށް ރިޒް ކުންފުނިން ކަމަށް ސީލްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ބިދޭސީން ހިންގި ހަމަނުޖެހުންތަކަށް ފަހު ވެސް ބިދޭސީން އަދިވެސް ތިބީ ބޮޑުފިނޮޅުގަ އެވެ. އެ މީހުންނާ ހަވާލުވާން ރިޒް އިން ވަނީ އިންކާރުކޮށްފަ އެވެ. އެހެންވެ ސީލް އިން މިހާރު ވަނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެ ރަށުން ބާލަަން ކޯޓު އަމުރަކަށް ވެސް އެދިފަ އެވެ.